އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީ ރޭ ފަތިހު ކުޅުނު މެޗުގައި ސެލްޓިކް އަތުން 1-4 ގެ ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ޗެލްސީ އިން ވަނީ މިދިޔަ ސީޒަނަށް ފަހު އެޓީމުގެ ކޯޗުކަން އެންޒޯ މަރެސްކާއާ ހަވާލުކޮށްފަ އެވެ. މަރެސްކާ އަކީ މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިން ކޯޗެވެ. އޭނާ ވަނީ މީގެކުރިން ޕެޕް ގާޑިއޯލާގެ ދަށުން މެންޗެސްޓާ ސިޓީގައި ވެސް މަސައްކަތްކޮށްފަ އެވެ.
އެމެރިކާގައި ކުޅުނު މެޗުގައި ސެލްޓިކުން ކޮންމެ ހާފެއްގައި ޗެލްސީ ކޮޅަށް ދެ ގޯލު ޖެހި އެވެ. ޗެލްސީގެ ހަމައެކަނި ގޯލު 89 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ކްރިސްޓޯފް އެންކުކޫ އެވެ.
ޕްރީ ސީޒަނުގެ ފުރަތަމަ މެޗުގައި ޗެލްސީ ވަނީ އިނގިރޭސި ލީގު އެކަކަށް އަލަށް ކޮލިފައިވި ވްރެކްސްހަމްއާ ކުޅެ 2-2 އިން އެއްވަރުވެފަ އެވެ. ޕްރީ ސީޒަނުގައި މި ހަފްތާ ކުޅޭ އަނެއް މެޗުގައި ޗެލްސީ ނުކުންނާނީ މެކްސިކޯގެ ކްލަބް އެމެރިކާއާ ދެކޮޅަށެވެ.
ސެލްޓިކް ވަނީ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ބަލިކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ ނިންމާލީ ލީގުގެ 6 ވަނައިގަ އެވެ. ސީޒަނުގެ ކުރީކޮޅު އެޓީމުގެ ނަތީޖާތަށް ދަށްވިޔަސް ފަހު މެޗުތަކުގައި އެޓީމުން ގިނަ މޮޅުތަކެއް ހޯދި އެވެ. އަންނަ ސީޒަނުގައި ޗެލްސީ ޔޫރަޕްގައި ވާދަކުރާނީ ޔޫއެފާ ކޮންފަރެންސް ލީގުގަ އެވެ. އެއީ ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތެވެ.
މަރެސްކާ އަންނަނީ އޭނާ ބޭނުންވާ ސްޓައިލަށް ކުޅުވަން ޗެލްސީ އަށް އާ ކުޅުންތެރިން ގެންނަމުންނެވެ.