މައުލޫމާތު ފޮރުވުމާއި، ސިއްރު ކުރުމާއި، ވަންހަނާ ކުރުމުގެ ތަޖުރިބާ ދިވެހިން ލައްކަ ގިނައިން ކޮށްފިއެވެ. ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޮންމެ ހަފްތާއަކު ކޮންމެވެސް މައުލޫމާތެއް ސިއްރު ކޮށްގެން، ކޮންމެވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދައިގެން އެޚަބަރެއް ނޫހުން ފެންނަމުން ދިޔައެވެ.
ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަކަށް ކުރެއްވި ޚަރަދުގެ ތަފްސީލް ހާމަކުރަން ސަރުކާރުން ދެކޮޅު ހެދީ އެރަސީދު ހާމަކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުން ވެދާނެ ކަމުގެ ބަހަނާ ދައްކައިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މަހާޒް އަލީ ޒާހިރު މިދިޔަ ހަފްތާގައި ދައުލަތާއި ވެސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ވެސް ކުރިމަތި ކުރެއްވި ސުވާލަކީ ދައުލަތުގެ އިދާރާއަކުން ރަސީދެއް ނުލިބުމުން އެކަން ހއެންމެ މަތީ ކޯޓާއި ހަމައަށް ގޮސްގެން ނޫން ގޮތަކަށް ނުނިމޭތޯއެވެ. އާނއެކެވެ. ރައީސް އިބްރާހިމްގެ ސަރުކާރުގެ ސިޔާސަތަކަށް އޮތީ މައުލޫމާތު ފޮރުވުންކަން ނިއުޔޯކް ދަތުރެއްގެ ރަސީދެއް ހޯދަން ހައިކޯޓާއި، ސުޕްރީމް ކޯޓަށް ދާން ޖެހުމުން ވަރަށް ސާފެވެ.
އެހެން މިސާލެކެވެ. ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ސިއްރުކޮށް އެމައުލޫމާތު ހިފަހައްޓަން ހުއްޖަތެއްގެ ގޮތުގައި ދެއްކީ އިންޑިއާ ސިފައިން ތިބި އަދަދު ހާމަކޮށްފިނަމަ ރާއްޖެއަށް ހަނޑުލާއި ހަކުރާއި ފުށާއި ބިސް ނުލިބިދާނެއެވެ. އެހެންކަމުން އެއީ ހާމަކުރަން ހެޔޮވާވަރުގެ މައުލޫމާތެއް ނޫނެވެ.
17 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ޑރ.މުހައްމަދު މުއިއްޒު ހަވާލުވެ ވަޑައިގެންނެވީ އެއްވެސް މައުލޫމާތެއް ސިއްރުކޮށް، ވަންހަނާކޮށް، ނުފޮރުވާނެ ކަމުގެ ވައުދާއިއެކުއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅުތުގެ ތަފްސީލް ހޯދަން ސުޕްރީމް ކޯޓާއި ހަމައަށް ދާކަށް ނުޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލް ދެހަފްތާ ދުވަސްތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންނަނީ ހާމަކުރައްވަމުންނެވެ. އެއްވެސް ފޮރުވުމެއް، ސުވާލު އުފައްދަން ޖެހޭ ކަމެއް ނެތެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާތަކަށް ހޯދަން އެދުނު ހުރިހާ މައުލޫމާތެއް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެ ކަމަށާއި މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީ ވަނިވިކޮށް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލު ކުރަން ފެށިތާ މިއަހަރުގެ ޖުލައި 12 ވަނަ ދުވަހަށް ދިހަ އަހަރު ފުރުނުއިރު މީގެ ކުރިން އެއްވެސް ރައީސަކަށް ހުރިހާ އާރްޓީއައިއަށް ޖަވާބު ދާރީވެފައި ވާނެ ކަމަށް ވިދާޅެއް ނުވެވުނެވެ. އެކަން މިކުރެއްވެވުނީ ރައީސް މުއިއްޒު އަށެވެ.
ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އެކަށައަޅައި، ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދިނުމަކީ ޤާނޫނުން ކަށަވަރު ކޮށްދީފައި އޮތް ޙައްޤެކެވެ. އެޙައްޤު ފޯރުކޮށްދިނުމުގައި ދައުލަތުގެ އެންމެ މަސްއޫލުވެރިޔަކު ވެސް އިހުމާލުވުމަކީ ގޯހެކެވެ. އެގޯސް ހަދައިފިނަމަ އެއީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްގެ ސިފަ ދެމެހެއްޓުމުގެ އެންމެ އަސާސީ ސިފައާއި ހިލާފު ވެވުނީއެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ރައީސް މުއިއްޒު އަނެއްކާވެސް ދެއްކެވީ އުއްމީދީ ވާހަކަފުޅެކެވެ. ދިވެހިން އުއްމީދު މިކުރާ ފަދަ ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކޮރަޕްޝަން ނައްތާލުމުގެ މުހިއްމު ކަމެވެ. ކޮރަޕްޝަން ނައްތާލުމަށް ވެސް ކުރަން ޖެހިފައި އޮތް އެންމެ މުހިއްމު ކަމަކީ މައުލޫމާތު ހާމަކުރުމެވެ. ސިއްރު ނުކުރުމެވެ. ތެދު ބުނުމެވެ. ރައްޔިތުންގެ އިތުބާރު ހޯދުމެވެ.