ތޫނު ހަތިޔާރާއެކު ގޭންގު މާރާމާރީ ހިންގި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ދާދިފަހުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ޤާޟީ އަލީ ނާދިމް އަމުރުކުރައްވާފައިވަނީ ތުހުމަތުކުރެވޭ ކުށުގެ ތަހުގީގު މަރުހަލާ ނިމެންދެން މައްސަލަ ރައްދުވާ ފަރާތް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރާށެވެ.
މި މައްސަލާގައި މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް ބަލާއިރި އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ކޯޓަށް މައްސަލައާއި ގުޅޭ ބަޔާންތަކާއި ވީޑިއޯ ފުޓޭޖުގެ އިތުރުން އިންތޭލިޖެންސް ރިޕޯޓުތަކަށް ރިއާޔަތްކޮށް، މީހަކަށް ތޫނު އެެއްޗަކުން ހަމަލާދީ މާރާމާރީހިންގުމުގައި މައްސަލަ ރައްދުވާ ފަރާތުގެ ބައިވެރިވެފައިވާކަމަށް ބެލޭވޭކަމަށް ޤާޟީ ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާ، 13 ވަނަ މާއްދާ އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.