ފައިނަލުގައި ސީދާ ތިން ސެޓުން ސްރީ ލަންކާ ބަލިކޮށް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ވިމެންސް ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފި އެވެ.
ލަންކާ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ލީގު ބުރުގައި ލަންކާ އިން ވަނީ ކިރްގިސްތާން 3-2 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ވާދަވެރި ކުޅުމެއް ފެނުނު ނަމަވެސް ފައިނަލުގައި ކިރްގިސްތާން ފެނުނީ ވަރުގަދަކޮށެވެ.
މާލެ ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު ފައިނަލުގައި ލަންކާ މާޔޫސްވީ ފުރަތަމަ ސެޓު ގެއްލުމުންނެވެ. ލަންކާ އަށް އޮތް ބޮޑު ސަޕޯޓާ އެކު ފުރަތަމަ ސެޓުގައި އެޓީމުން ރަނގަޅު ވާދައެއްކުރި އެވެ. އަދި، ސެޓު ކާމިޔާބުކުރަން އެޓީމަށް ތަކުރާރުކޮށް ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ބޯޅަތަކުގައި ކިރްގިސްތާނުން ވިސްނުންތެރިކަމާ އެކު ކުޅެ އެ ސެޓު 28-26 އިން ކާމިޔާބުކުރި އެވެ.
ފުރަތަމަ ސެޓު ކާމިޔާބުކޮށް އަނެއް ދެ ސެޓުގައި ކިރްގިސްތާން ފެނުނީ އިތުބާރާ އެކު ކުޅުނު ތަނެވެ. ދެވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-17 އިންނެވެ. އަދި، ޗެމްޕިއަންކަން ކަށަވަރުކުރި ސެޓު ހޯދީ 25-19 އިންނެވެ.
ފަހު ދެ ސެޓުގައި ލަންކާ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. ފަހު ސެޓުގައި ކިރްގިސްތާނުން ލަންކާގެ މައްޗަށް ބޮޑު ލީޑެއް ނަގައި، އެ ލީޑުގައި އޮވެ ސެޓު ނިންމާލި އެވެ.
ކިރްގިސްތާނާއި ލަންކާގެ އިތުރުން މުބާރާތުގައި ވާދަކުރީ، ނޭޕާލާއި ރާއްޖެ އެވެ. މުބާރާތް ކުރިއަށްދިޔައީ ލީގު ބުރެއް ކުޅުމަށް ފަހު ސެމީ ފައިނަލަށް ޓީމުތައް ސީޑްކުރާ ގޮތަށެވެ.
ލީގު ބުރުގެ ތިން މެޗުން ވެސް ބަލިވި، ރާއްޖެ ސެމީގައި ބަލިވީ ލަންކާ އަތުންނެވެ. އޭގެފަހުން ތިންވަނަ ހޮވަން ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވި އެވެ.