އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ރިޔާސީ އިންތިޚާބުގެ ތާރީޚުގައި މިހާތަނަށް ނުދެކޭ ފަދަ އަދަދެއް 24 ގަޑިއިރުގެ ތެރޭގައި ފަންޑު ރައިސިންގގެ ގޮތުގައި ހޯއްދަވާ އާ ރެކޯޑެއް ހައްދަވައިފިއެވެ. މިއޭނާގެ ކެމްޕޭނަށް 81 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
ރައީސް ޖޯ ބައިޑެން 2024 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވާނެކަން އިއުލާންކޮށް ކަމަލާ ހެރިސް ރައީސް ކަމަށް ގެންނަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވުމަކީ މިހައި ބޮޑު އަދަދެއްގެ ފައިސާގެ އެހީ ލިބުނު އެއްސަބަބެވެ. މީގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ޕީއޭސީ އެއް ކަމަށްވާ ފިއުޗަރ ފޯވަރޑްއަށް 150 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ކަމަލާ ހެރިސްއަށް މިހާރު ވަނީ 40 އަށްވުރެ ގިނަ ޑިމޮކްރެޓިކް ސެނެޓަރުންނާއި، 100 އަށްވުރެ ގިނަ ހައުސް މެމްބަރުން އަދި އެތައް ގަވަރނަރުންގެ ތާއީދު ލިބިފައެވެ.
ޑިމޮކްރެޓިކް ޕާޓީން ރަސްމީކޮށް އެ ޕާޓީގެ ކެންޑިޑޭޓް ނިންމާނީ އޯގަސްޓް މަހު ބާއްވާ ކޮންވެންޝަނުގައެވެ.
ރިޕަބްލިކަން ޕާޓީން ވަނީ ޑޮނަލްޑް ޓްރަމްޕް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވާފައެވެ. އަދި ޖޭ.ޑީ. ވާންސް ވަނީ ޓްރަމްޕްގެ ރަނިންގ މޭޓްގެ ގޮތުގައި ކަނޑައަޅާފައެވެ. ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގައި ޓްރަމްޕަށް ބަޑިން ދިން ހަމަލާއަށްފަހު ޓްރަމްޕްގެ މަގުބޫލްކަން ވެސް ވަނީ އިތުރު ވެފައެވެ.
މިހާދިސާއާއި ގުޅިގެން އެމެރިކާގެ ސީކްރެޓް ސެކިއުރިޓީ ސާވިސްގެ ވެރިޔާ ވަނީ އިސްތިއުފާ ދެއްވާފައެވެ.