ރާއްޖޭގެ ޓީޗަރުންނަށް ކުރު މުއްދަތުގެ ތަމްރީނުތަކާއި ވޮކޭޝަނަލް ތަމްރީނުތައް ސްރީލަންކާގައި ދިނުމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް މަރިޔަމް މާރިއާ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރުއާއެކު މަޝްވަރާކުރައްވައިފިއެވެ.
ސްރީލަންކާ ހައިކޮމިޝަނަރު މިނިސްޓަރ މާރިއާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި މިއަދު މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން މީހުން ބިނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޓީޗަރުންނަށް ކުރު މުއްދަތުގެ ތަމްރީނު ދިނުމާއި ވޮކޭޝަނަލް ތަމްރީނުގެ އިތުރުން ޓިވެޓް ޓްރެއިނިންގ އާއި ރާއްޖޭގައި ސްރީލަންކާގެ ޓީޗަރުން އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. ސްރީލަންކާއާއި ރާއްޖެއާދެމެދު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެޤައުމުންވެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.