ދައުލަތަށް އަނބުރާ ހޯދަންޖެހޭ މުދަލާއި ފައިސާ ހޯދުމުގައި ރަނގަޅު ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް އެޓާނީ ޖެނެރަލް އަލްއުސްތާޛް އަހުމަދު އުޝާމް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކޮރަޕްޝަނާއި ނަހަމަގޮތުގައި އެކި ފަރާތްތަކުން ހޯދާފައިވާ ދައުލަތުގެ މުދާ އަދި ފައިސާ އަނބުރާ ހޯދުމުގައި ހުރި ޤާނޫނީ ދަތިތައް ހައްލުކުރުމަށް ދެ އިދާރާއިންވެސް އެއްބާރުލުންދީގެން ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ފާއިތުވީ 15 އަހަރު ތެރޭގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ކަމަށް ނިންމާފައިވާ މުދަލާއި ފައިސާގެ ޖުމްލަ އުޅެނީ 1 ބިލިއަނަށް ވުރެވެސް މަތީގައެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުލަތުގެ ފައިސާއާއި މުދާ އަނބުރާ ހޯއްދަވާނެކަމަށް ރައީސް ޑރ. މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.