އިސްރާއީލުން ފަލަސްތީނުގެ އިތުރު 84 މީހަކު ޝަހީދުކޮށް، ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 39،090 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 39،090 އަށް އަރާފައިވާއިރު، އަދި މި ހަމަލާތަކުގައި 90،147 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކާ ދެކޮޅަށް ހިންގި އަށް ގަތުލުއާންމުގައި އިސްރާއީލު ސިފައިން 84 މީހުން ޝަހީދުކޮށް، 329 މީހުން ޒަޚަމްކޮށްލި،" ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި އޭގެ ތެރެއިން 73 މީހުން ޝަހީދުވެފައިވާ ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ކުނިތަކެއްގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން، އދ.ގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޤަރާރާއި ޚިލާފަށް އިސްރާއީލުން އަމަލުކުރަމުންދާތީ ބައިނަލްއަޤްވާމީ ގޮތުން ވަނީ ކުށްވެރިކޮށްފައެވެ.
އިސްރާއީލު ހަނގުރާމައަށް ނުވަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްވެރިކަން ހުއްޓުމަކަށް އައިސްފައެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވްއިން ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.