ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކުރައްމުންދާކަމަށް އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ، މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގައި ތަގުރީރުކުރައްވަމުންނެވެ. މި ފޯރަމްގައި ވަޒީރު ޑރ. އާއިޝަތު ޝިހާމް އިތުރުން، ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ވަޒީރުން އަދި، ޕެންޝަން އޮފީހުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ވަޒީރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ދިވެހިރާއްޖޭގެ މެދު އުމުރު ފާއިތުވި 30 އަހަރުގެ ތެރޭގައި 16 އަހަރުން 30 އަހަރަށް މަތިވެފައިވެއެވެ. މީގެ ސަބަބުން ފައިދާތަކެއް ހުރި ނަމަވެސް، އޭގައި ގޮންޖެހުންތަކެއްވެސް އެކުލެވިގެންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، އުމުރުން ދުވަސްވީ އާބާދީއަށް ތައްޔާރުވުމަކީ ފަށަން ޖެހިފައިވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެކަމަށް ތައްޔާރުވުމަށްޓަކައި ގައުމަށް ލިބެންހުރި އިންސާނީ ވަސީލަތްތަކާއި އާމްދަނީ ބޭނުންކުރެވިދާނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ ބޮޑު އާބާދީއެއް ހިއްސާކުރާ ޒުވާނުންގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގައި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކީ މި ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫންކަމަށް މިއަދުގެ ފޯރަމްގައި ވަޒީރު ވިދާޅުވިއެވެ.
ޒުވާން އާބާދީގެ ބޭނުން ފުރިހަމައަށް ކުރުމަށް މި ސަރުކާރުން ދަނީ ރޭވުންތެރި ކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެން ދެކޭ ގޮތުގައި ޒުވާނުންނަކީ މިއަދުގެ ލީޑަރުން.ވަޒީރު ޑރ. އާއިޝަތު ވިދާޅުވިއެވެ.
އަދި، ޒުވާނުންނެކޭ އެއްފަދައިން އެހެން އުމުރުފުރާތަކާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ހިމެނޭހެން އެންމެހާ ދިވެހީންނަކީ މުހިންމު ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މެދު އުމުރުފުރާ ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިހުރިއިރު، މުޖުތަމައުގެ ފުރިހަމަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމްކުރަން މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޕެންޝަނަކީ މި ނިޒާމުގައި ބޮޑު ރޯލެއް އަދާކުރާ ބަހާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިމަތިވާ އިޖުތިމާއީ މައްސަލަތައް ކަންބޮޑުވާ ހިސާބަށް ދިޔުމުގެ ކުރިން އެފަދަ މައްސަލަތައް ދެނެގަނެގެނެ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ޕްރޮގްރާމުތައް ހިންގަމުންދާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.
ޕެންޝަން ނިޒާމުގެ ދެމެހެއްޓެނިވިކަމަކީ، ސަރުކާރުގެ އިތުރުން، ޕްރައިވެޓް ސެކްޓަރއާއި މަދަނީ ޖަމާއަތްތަކުން ގުޅިގެން އަދާކުރަންޖެހިފައިވާ ޒިންމާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ސަބަބުން ގައުމުގެ ކުރިމަގަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެކަން ވަޒީރު ޑރ.އާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ސޯޝަލް ސެކިއުރިޓީ ސިސްޓަމް ބައްޓަންކުރުމަށް ރޮބާޓް ޕެލޭޝިއޯސް ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ވަޒީރުވަނީ މިއަދުގެ ފޯރަމްގައި ބައިވެރިވެވަޑައިގެން ރޮބާޓް ޕެލޭޝިއޯސްއަށް ޝުކުރުދަންނަވާފައެވެ.