Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ފުޓްބޯޅަ ރޭންކިންގައި ރާއްޖެ އަށް އަނެއްކާވެސް ވެއްޓުމެއް

ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ރާއްޖެ އަނެއްކާވެސް ވެއްޓިއްޖެ އެވެ.

ފީފާ އިން ޖުލައި 18 ވަނަ ދުވަހު އާއްމުކުރި ރޭންކިންގައި ރާއްޖޭގެ ފުޓްބޯޅަ ޓީމު އޮތީ 163 ވަނައިގަ އެވެ. އެއީ އޭގެ ކުރިން އާއްމުކުރި ރޭންކިންއަށް ވުރެ ތިން ދަރަޖައިގެ ވެއްޓުމެކެވެ.

ރާއްޖޭގެ ފުޓްބޯޅަ ފަހަތަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ މިވަގުތު ފުޓްބޯޅަ ހުއްޓިފައި އޮތުމެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން މިދިޔަ އަހަރުތަކުގައި ބޮއްސުންލައި، އެ އިދާރާއާ ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުޓްބޯޅަ ސީޒަން ފެށޭނެ ދުވަހެއް ނޭނގޭއިރު ކްލަބްތައް އަދިވެސް އޮތީ މާލީ އަޑިގަނޑެއްގަ އެވެ. އެހެންވެ އަލުން ފުޓްބޯޅަ ފަށާއިރު ކްލަބްތަކަށް ގޮންޖެހުން ބޮޑުވާނެ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މެޗެއް ނުކުޅޭތާ މިހާރު އަހަރެއްވާން ކައިރިވަނީ އެވެ. ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ވާދަކޮށް އެގްރިގޭޓުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

ފުޓްބޯޅަ ރޭންކިންގައި ރާއްޖެ އެންމެ ކުރިއަށް ޖެހިލީ 2006 ވަނަ އަހަރުގެ ޖުލައި-އޮގަސްޓް މަހު އެވެ. އެފަހަރު 124 ވަނަ އަށް ޖެހިލި އެވެ. ރޭންކިންގައި ރާއްޖެ އެންމެ ދަށަށް ދިޔައީ 1997 ވަނަ އަހަރުގެ އޮގަސްޓް-ސެޕްޓެމްބަރު މަހު އެވެ. އޭރު ރާއްޖެ ވެއްޓުނީ 183 ވަނަ އަށެވެ.

ރޭންކިންގައި ރާއްޖޭގެ އެވްރެޖަކީ 155 ވަނަ އެވެ. ބައިނަލްއަގްވާމީ މެޗުތައް ނުކުޅޭނަމަ ރާއްޖެ އިތުރަށް ފަހަތަށް ދާނެ އެވެ.

އޭޝިއާގެ އެއް ވަނައިގައި އޮތީ ޖަޕާން އެވެ. އިންޑިއާ އޮތީ 124 ވަނައިގަ އެވެ. ދެކުނު އޭޝިއާއިން ނޭޕާލް 175 ވަނައިގައި އޮތްއިރު ބޫޓާން ވަނީ 182 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ބަންގްލަދޭޝް އޮތީ 184 ވަނައިގަ އެވެ.

ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްތަކެއް ފަށާފައިވާ ޕާކިސްތާން 197 ވަނައިގައި އޮތްއިރު ސަރަހައްދުގެ ފުލުގައި އޮތީ 205 ވަނައިގައި އޮތް ސްރީ ލަންކާ އެވެ.

އެންމެ ފަހުން ނެރުނު ރޭންކިންގައި ދުނިޔޭގެ އެއްވަނައިގައި އޮތީ ކޮޕާ އެމެރިކާގެ ޗެންޕިއަންކަން ހޯދި އާޖެންޓީނާ އެވެ. ދެ ވަނައިގައި ފްރާންސް އޮތްއިރު ތިން ވަނައިގައި އޮތީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އެވެ. އިންގްލެންޑް ހަތަރު ވަނައިގައި އޮތްއިރު ބްރެޒިލް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

މި ލިއުމާއި ގުޅޭ