ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، "އަންވެއިލިންގ ވިޜަންސް 2024" އާޓް އެގްޒިބިޝަންސް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބައިނަލްއަޤުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރަމުންދާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ޚާއްސަ ޕްލޭނެއް އެބައޮތްކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ އެގްޒިބިޝަންތައް ނެތްކަމުގައިވާނަމަ މިހާރު އާޓްގެލެރީ ބަންދުކޮށްފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް، ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކުވެސް ޚާއްސަ ކަލެކްޝަނަކާއެކު ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަން ހުޅުވާލުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.
ވަޒީރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދައުރަކީ ފަންނުވެރިންނަށް އެންމެ ފާގަތި ދައުރަކަށް ވާނެކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގެންނެވި މެނިފެސްޓޯގައި ހިމަނާފައިވާގޮތަށް މިދާއިރާ ކުރިއެރުވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.
އާޓްގެލެރީގައި ކުރެހުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކާއި، ޕްރޮފެޝަނަލް އާޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މި މައުރަޒުގައި ބައިވެރިވެ، އެފަރާތްތަކުގެ ކުރެހުންތައް ޑިސްޕްލޭކުރުމުގެ ފުރުޞަތު އޮވެއެވެ. މި ގޮތުން "އަންވެއިލިންގ ވިޜަންސް 2024" ގައި ބައިވެރިވުމަށް 105 ފުރުސަތު ލިބިފައިވެއެވެ.
މިއީ ކުރެހުންތެރިންނަށް އެމީހުންގެ ހުނަރުވެރިކަން ދައްކާލުމުގެ އިތުރުން، އާޓިސްޓް ކޮމިއުނިޓީގެ މެދުގައިއާއި އާޓިސްޓުންނާއި އާންމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އާޓިސްޓުންނަށް އިތުރު އެކްސްޕޯޝަރއެއް ލިބި، އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައްވެސް ފަހިކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ފާހަގަކުރެއެވެ.