ފޭރުމުގެ މައްސަލައެއްގައި 28 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފޭރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެންމީހާ 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުގައި ވާގޮތުން އެ އަންހެނާގެ މުއްދަތު ޖެހީ އިއްޔެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހަށެވެ.
އޭނާ އާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެގޮތުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓު ކޯޓަށް ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ ވަނީ އަމުރުކުރައްވާފައެވެ.