Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ޖަލުގައި 43 އަހަރު ހޭދަކުރުމަށްފަހު ކުށެއް ނެތް އަންހެނަކު މިނިވަންވެއްޖެ

އެމެރިކާގެ މިސޫރީ ސްޓޭޓުގައި 1980 ވަނަ އަހަރު ހިނގި މަރުގެ މައްސަލައެއްގައި ކުށެއް ނެތި 43 އަހަރު ޖަލުގައި ހޭދަކުރި 64 އަހަރުގެ ސެންޑްރާ ހެމް މިނިވަންވެއްޖެއެވެ.

ބީބީސިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެޓްރީޝިއާ ޖެޝްކޭ ނަކަމަކަށް ކިޔާ މީހެއްގެ މަރުގެ މައްސަލައިގައި އޭރު 20 އަހަރުގެ ސެންޑްރާ ހެމް ކުށްވެރިވެފައިވަނީ ސައިކެޓްރިކް ހޮސްޕިޓަލެއްގައި އެޑްމިޓްވެފައި އޮއްވާ ވެފައިވާ އިއުތިރާފަކަށް ބިނާކޮށެވެ.

ޖޫން 14 ވަނަ ދުވަހު ފަނޑިޔާރު ރަޔަން ހޯސްމަން ވަނީ ސެންޑްރާ ހެމްގެ މައްޗަށް ކުރެވުނު ޙުކުމް ބާތިލްކޮށްފައެވެ. މިކަމަށް ފަނޑިޔާރު ނިންމެވީ ސެންޑްރާ ހެމްގެ ކުށެއް ނެތްކަން ސާބިތުވާ ހެކިތަކެއް ލިބިފައިވާތީއެވެ.

މައްސަލަ އަލުން މުރާޖަޢާ ކުރުމުން، މައްސަލައިގައި ތުހުމަތުކުރެވޭ ފުލުހުންގެ އޮފިސަރެއް ކަމުގައިވާ މައިކަލް ހޯލްމަންއާ ގުޅޭ މުހިންމު ހެކިތަކެއް އެ ދުވަސްވަރު ސެންޑްރާ ހެމްގެ ދިފާޢީ ވަކީލުންނާ ހިއްސާކޮށްފައި ނުވާކަން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ސެންޑްރާ ހެމްއާ ގުޅުވޭނެ އެއްވެސް ފޮރެންސިކް ހެއްކެއް، މޯޓިވްއެއް ނުވަތަ ހެކިބަސް ދޭނެ މީހަކު ނެތްކަން ފާހަގަކުރެވެއެވެ.

ސެންޑްރާ ހެމްއަކީ އެމެރިކާގެ ތާރީޚުގައި އަންހެނަކު ކުށެއް ނެތި އެންމެ ދިގު މުއްދަތަކަށް ޖަލުގައި ހުރި މީހާ ކަމަށް ބެލެވެއެވެ.

ހުކުރު ދުވަހު މިނިވަންވުމާއެކު ސެންޑްރާ ހެމް ވަނީ އޭނާގެ އާއިލާއާ، ބައްދަލުކޮށްފައެވެ. އެގޮތުން އޭނާގެ ދަރިފުޅާއި، ކާފަ ދަރިފުޅާ އަދި ދައްތައާ އޭނާވަނީ ބައްދަލުކޮށްފައެވެ.

އުމުރުގެ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައިވާތީ، ސެންޑްރާ ހެމްއަށް ސޯޝަލް ސެކިއުރިޓީގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ