ރައީސް ޑރ.މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތެރޭގައި އޮތް ތާއީދު ފަތުއަޑު ކިއާފައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި މިއަދު ރައްޔިތުން ދައްކައިދީފި ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން މިއަދުވެސް ދައްކައިދީފިކަމަށާއި އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ރައީސް މުޢިއްޒަށް މަރުހަބާ ކިޔާކަމަށެވެ.
އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުން ޕީއެންސީ ވަނީ އިދިކޮޅު އެމްޑީޕީގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. ޖުމްލަ 6 ދާއިރާއެއްގެ ތެރެއިން ޕީއެންސީން 5 ދާއިރާއެއްގެ އިންތިޚާބު ކާމިޔާބު ކުރިއިރު، އިދިކޮޅު އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައި ނުވެއެވެ.
މީގެ އިތުރުން ޅ.އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމަށާއި ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރު އިންތިހާބު ކުރުމަށާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށް ވެސް ބައި އިލެކްޝަން ބާއްވަން އިއުލާން ކުރިއެވެ. ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓުން އެކަނި ކަމުން އިންތިހާބަކާ ނުލައި އެ ގޮނޑިތައް ޕީއެންސީއަށް ވަނީ ކާމިޔާބުވެފައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައިވެސް ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.