މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ފުރިހަމަ ކާމިޔާބީތަކެއް ހޯއްދެވި ޕީއެންސީގެ ކެނޑިޑޭޓުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކާމިޔާބު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓުންނަށާއި، ކެމްޕޭންގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި އަދި ޕީއެންސީ ކެނޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ބޭއްވުނު ބައި އިލެކްޝަންތަކުން ޕީއެންސީ ވަނީ އިދިކޮޅު އެމްޑީޕީގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. ޕީއެންސީން 5 ދާއިރާއެއްގެ އިންތިޚާބު ކާމިޔާބު ކުރިއިރު، އިދިކޮޅު އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައި ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ޕީއެންސީން ދަނީ ކާމިޔާބީ އަކަށް ފަހު ކާމިޔާބަީއެއް ހާސިލްކުރަމުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައިވެސް ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފައެވެ. އެގޮތުން ޕީއެންސީން ވަނީ މަޖިލީހުގެ ތާރީޚުގައިވެސް އެއްޕާޓިއަކަށް ކާމިޔާބުނުކުރެވޭ އަދަދަކަށް ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ ޕީއެންސީއާއި ވާދަކޮށް އިންތިޚަބުތަކުން ބަލިވުމުގެ ރިކޯޑް ދަމަހައްޓަމުންނެވެ.