1.5 މިލިއަން ރުފިޔާ ވަގަށް ނެގި މީހެއް 15 ދުވަހަށް ބަންދުކޮށްފިއެވެ.
1.5 މިލިއަން ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ކޯޓު އަމުރުގައިވާގޮތުން، މި މައްސަލާގައި ދައުވާ ރައްދުވާ ފަރާތް ކަސްތޯޑިއަލް ޖަލެއްގައި ބަންދުކުރަންޖެހޭ މުއްދަތް އިއްޔެ 15:26 ގައި ފެށިފައިވާއިރު، ނިމޭނީ އަންނަ މަހު 3 ވަނަ ދުވަހު 15:25 ގައެވެ.
މި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގް ޤާޟީ އިބްރާހީމް ޛިހުނީ ކުރައްވާފައިވާ އަމުރުގައިވާގޮތުން، މި މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާކަމަށެވެ.
ހުއްދަނޫން ތަނަކަށް ވަދެ މުދަލަށް ގެއްލުންދީ ވައްކަންކުރުމުގެ މި މައްސަލަ ރައްދުވާ ފަރާތުން 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، މި މައްސަލައަކީ އިންތިޒާމުވެގެން ރާވައިގެން ގިނަ ބައެއްގެ ބައިވެރިވުމާއެކު ހިންގާފައިވާ ޖަރީމާއެއްކަމަށް ކޯޓު އަމުރުގައިވެއެވެ.
މީގެ ކުރިންވެސް ހައްޔަރު ބަންދު ރިކޯޑު އޮތް މި މީހާ މި މައްސަލާގައި ދެފަހަރު ދެގޮތަށް ބަޔާންދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މި މައްސަލާގައި ފުރަތަމަ އިއުތިރާފްވެފައިވާއިރު ފަހުން އެ ކުށަށް އިންކާރުކޮށް ހަނު ބަޔާނެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މީގެ އިތުރުން، ފުރަތަމަ ބަޔާނުގައި ކިޔައިދިން ކަންތައްތަކަކީ ކަން ހިނގައިދިޔަ ގޮތްކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ކޯޓު އަމުރުގައި ވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 13 ވަނަ މާއްދާއާއި، 59 ވަނަ މާއްދާގެ އިތުރުން 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.