ކޭއެފްސީގެ ބިއްލޫރިތައް އަނެއްކާ ވެސް ތަޅާލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭފަތިހު 04:32 ހާއިރު އަމީނީ މަގުގައި ހުންނަ ކޭއެފްސީ ބިއްލޫރިގަނޑު ގާބުރި އަކުން ޖަހާ ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ރޭގައި ތަޅާލާފައިވާ އިރު މިދިޔަ ހަފްތާގައި މެންދަމުގެ ވަގުތެއްގައި ވެސް ކޭއެފްސީގެ ބިއްލޫރުގަނޑު ތަޅާލާފައިވެއެވެ.
ފުލުހުން އަންނަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
ކޭއެފްސީ އަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއް ކަމަށް ބުނެ ފަލަސްތީނުގެ ހައްގުގައި ކޭއެފްސީ ބަންދުކުރުމަށް ގޮވާލައި ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެއެވެ. މީގެ ކުރިން ވަނީ ކޭއެފްސީ ކައިރި ގިނަ މުޒާހަރާތަކެއް ކޮށް ކޭއެފްސީއާ ޖެހިގެން ހިންގަމުން އަންނަ ޕިއްޒާ ހަޓަށް ކަޅުތެޔޮ ވެސް ޖަހައިފައިވެއެވެ.
ރާއްޖޭގެ އިތުރުން ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި އަންނަނީ ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. ބޮއިކޮޓް ކެމްޕޭންތަކުގެ އަސަރުކޮށް ގެއްލުން ވަމުން އަންނާތީ މެލޭޝިއާގައި ހުންނަ ކޭއެފްސީގެ 100 ވަރަކަށް އައުޓްލެޓް ވެސް މިއަހަރު ވަނީ ބަންދުކޮށްފައެވެ.