ރާއްޖެއިން ބޭރުން ކިޔަވާ ދިވެހި ދަރިވަރުން ކިޔަވާ ނިންމާފައި ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް އަނބުރާ އައުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރަނީ ދިރިއުޅުމެއް ފެށުމަށްޓަކައި އާމްދަނީ ހޯދަން ރަނގަޅު ދާއިރާއަކުން މަސައްކަތް ކުރުމަށް ފުރުސަތު ހޯދުމަށްޓަކައިކަމަށާއި ކިޔަވާ ނިންމުމަށްފަހު އަމަލީ މައިދާނުގައި މަސައްކަތް ކުރަން ފަށާއިރު ގައުމަށްޓަކައި ކަންތައްތަކެއް ކޮށްދިނުމަށް ވިސްނަން ޖެހޭކަމަށެވެ.
"އަބަދުވެސް ވިސްނަންވީ ތިމަންނާ މިކުރާ މަސައްކަތްކޮށްގެން ތިމަންނަގެ ނަފްސާއި އާއިލާއަށް ކަންތައްތަކެއް ކޮށްދިނުމުގެ އިތުރަށް މުޖުތަމައަށް ގައުމަށްވެސް ކަންތައްތަކެއް ކޮށްދިނުމަށް، މިއަދު މި ފަށާ މަރުހަލާގައި ކިޔަވާ ނިމިގެން ދެން އަމަލީ މައިދާނަށް އެކި ދާއިރާތަކުން މަސައްކަތް ކުރަން ނުކުންނައިރު މި ދެންނެވި ގޮތަށް، ގައުމަށް ތިމަންނައަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނަން އެބަ ޖެހޭ" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ތިކުދިން ކިޔަވާ ނިމިގެން އަނބުރާ އަންނާނީ މި ރާއްޖެއަށް ކަމުގައި ކަނޑައެޅުން"ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި ކިޔަވަން ދާ ކުދިން އަނބުރާ ރާއްޖެ އަންނަން ބޭނުން ނުވާ އަނެއް ސަބަބަކީ ވަޒީފާގެ މައްސަލަކަމަށެވެ.
އެގޮތުން އެ މައްސަލައިގެ ހައްލު ހޯދައިދެއްވުމުގެ މަސައްކަތްވެސް އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާކަމަށާއި އެގޮތުގެ މަތިން ވަރަށް ގިނަ ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭ ދާއިރާތައްކަމަށް މިހާރު ކަނޑައަޅުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގިނަ ދާއިރާތައް ވެގެންދާނީ ދިވެހިންނަށް ހާއްސަ ދިވެހިން އެކަނި ވަޒީފާ އަދާކުރާ ދާއިރާއަށް" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީކުރުމަށްޓަކައި ސަރުކާރުން އެކި އެކި ދާއިރާތަކުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ ދިވެހިން ބޭނުންވާކަމަށެވެ.