ރާއްޖޭގައި މަރުވާ މީހުންގެ 85 އިންސައްތަ އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށް އެންމެ ފަހުގެ "ސްޓެޕްސް" ސާވޭއިން ދައްކައިފިއެވެ. މިގޮތުން ހިތުގެ ބަލިތައް 36 ޕަސެންޓް، ކެންސަރު 18 ޕަސެންޓް، ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް 9 ޕަސެންޓް އަދި ހަކުރު ބަލި 6 ޕަސެންޓް ހިމެނެ އެވެ.
މި ސަރވޭގައި ޞިއްޙީ މައްސަލަތައް މަގުފަހިވާ މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ކޮންމެ 4 މީހަކުން 1 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރާއިރު، 8 އަހަރުން ދަށުގެ ކުއްޖަކުވެސް ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ކޮންމެ 20 މީހަކުން އެކަކު މަދުވެގެން އެއްފަހަރު މަސްތުވާތަކެތި ބޭނުންކޮށްފައިވާއިރު، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ 4 މީހަކުން އެކަކު މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށް މި ދިރާސާއިން ދައްކައެވެ.
ޤައުމީ އެން.ސީ.ޑީ ޕްރޮގްރާމުގެ ދަށުން ސިއްޙީ ވުޒާރާއިން މިކަންކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ޙަރަކާތްތެރިކަމާއެކު ކުރަމުން އަންނައިރު، މިހާރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތްކެއަރ އަލުން ދިރުވައި އާލާކުރެވިފައިވެއެވެ. އަދި މިކަމުގެ ސަބަބުތައް ދެނެގަތުމަށް ބޭރުގެ ޖަމުޢިއްޔާތަކާއި ގުޅިގެން މިކަމާއި ގުޅޭ ދިރާސާތައް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި އަންނަނީ ވަރަށް ބޮޑައް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ކުއްލިމަރުތައްގިނަވެ، ޒުވާން އުމުރުގައި ނުރައްކާތެރި ބަލިތަކާ ކުރިމަތިލަމުން އަންނަ މީހުންގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންވެ. ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތަށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައިވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.