Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރެއާލަށް ބަދަލުވާހިތުން ހަމަނިދިވެސް ނުލިބުނު: އެމްބާޕޭ

އޭނާގެ ހުވަފެނީ ކްލަބް ރެއާލް މެޑްރިޑަށް ބަދަލުވާން ކެތްމަދުވެފައި ހުރިވަރުން ބައެއް ރޭރޭ ހަމަނިދި ވެސް ނުލިބުނު ކަމަށް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ފްރާންސްގެ ކެޕްޓަން އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ރެއާލަށް ބަދަލުވެ، އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި މިއަދު ވަނީ ދައްކާލާފަ އެވެ.

އެމްބާޕޭ, 25, ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން ލަސްވީ ފްރާންސް ޔޫރޯ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރުމުންނެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އެމްބާޕޭ އަށް މަރުހަބާ ރެއާލްގެ ދަނޑަށް އައްޑިހަ ހާސް ސަޕޯޓަރުން ވަނެވެ.

"އަހަރެން ރޭގަނޑުގެ ނިދި ނަގާލާފަ އުޅެން ޖެހުނު ކޮންމެވެސް ދުވަހަކުން ރެއާލަށް ކުޅުމުގެ އުއްމީދުގަ. މިއަދު އަހަރެން މިހުރީ އުފަލުން. އަހަރެންގެ އާއިލާ އަށް މީ ބޮޑު އުފަލެއް. އަހަރެންނަށް ފެނޭ މަންމަގެ ލޮލުން ކަރުނަ" ރެއާލަށް ބަދަލުވުމަށް ފަހު ސްޓޭޑިއަމްގައި ވާހަކަދައްކަމުން އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ތައާރަފްކޮށްދިނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ޕެރޭޒް ވިދާޅުވީ ރެއާލުން އެމްބާޕޭ ގެންނަން ބޭނުންވީ އެ ކްލަބަށްޓަކައި އެމްބާޕޭގެ ހިތުގައި އޮތް ލޯބި އެނގުމުން ކަމަށެވެ.

ރެއާލުން އެމްބާޕޭ އެ ކްލަބަށް ގެންދަން މަސައްކަތްކުރާތާ ތިން ވަރަކަށް އަހަރު ވަނީ ވެފަ އެވެ. އެމްބާޕޭގެ ކުރީގެ ކްލަބް، ފްރާންސްގެ ޕީއެސްޖީގައި ހުއްޓައި ސައުދީ އަރަބިއާގެ އަލް ހިލާލް އިން ހުށަހެޅި ދުނިޔޭގެ ރެކޯޑް ފީ އަށް ޕީއެސްޖީ އިން އެއްބަސްވި އެވެ. އެކަމަކު ރެއާލަށް ބަދަލުވާން ބޭނުންވާތީ އޭނާ ސައުދީ ހުށަހެޅުމަށް ނޫނެކޭ ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލިއިރު އެމްބާޕޭ ވަނީ އެ ކްލަބަށް 308 މެޗުގައި 256 ގޯލު ޖަހައިފަ އެވެ. އެމްބާޕޭ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ރެއާލްގައި އެމްބާޕޭ ބޭނުންކުރާނީ 9 ނަންބަރު ޖާޒީ އެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެ ކްލަބަށް ބަދަލުވުމަށް ފަހު ފުރަތަމަ ބޭނުންކުރި ޖާޒީ ނަންބަރެވެ.

އެމްބާޕޭއާ އެކު ރެއާލް އަންނަ ސީޒަނުގައި ފެންނާނީ ވަރަށް ވަރުގަދަކޮށެވެ. އެ ކްލަބުގައި މިހާރު ވެސް ދުނިޔޭގެ ގިނަ ތަރިންތަކެއް ހިމެނެ އެވެ.

މި ލިއުމާއި ގުޅޭ