ޖޫން މަހުގައި އަރިދަފުސް ރޯގާ ގެ ވޭދަނަ ވަނީ އިތުރުވެފައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު މެއި މަހު އަރިދަފުސް ރޯގާޖެހިގެން 22983 ވޭދަނަ ރިޕޯޓްކޮށްފައިވވެއެވެ. އަދި މިދިޔަ މަހު އެ އަދަދުވަނީ 32738 އަށް އަރާފައެވެ. މިއީ މިދިޔަ 2023 އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު ޖޫންމަހު ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ 25749 ވޭދަނައެވެ.
އިންފުލުއެންޒާ އަށް 395 މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން ފައްސި ވެފައިވަނީ 137 މީހުނެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 1753 ސުންކުގެ ތެރެއިން 337 ސުންކު ވަނީ ފައްސި ވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މެއި މަހާ އަޅާބަލާއިރު ޖޫންމަހު ޑެންގީހުމުގެ ވޭދަނަ ރިޕޯޓް ކުރެވުނު އަދަދު ދަށްވެފައި ވާއިރު އެ ގޮތުން މެއި މަހު ޑެންގީގެ 675 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު ޖޫންމަހު ރިޕޯޓްކޮށް ފައިވަނީ 623 ވޭދަނަ އެކެވެ.