މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު (ފެނަކަ ސަޢީދު) ހުރިތާކުން ހޯދައިގެން ގެނެސް ހައްޔަރުކުރަންޖެހޭކަމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މުޅި ދިވެހި ޤައުމު ދަރުވާލުމަށްފަހު ފިލައިގެން ދިއުމަށް ފުރުސަތުދީގެން ނުވާނެކަމަށެވެ. އަދި މިހާރު އެމްޑީޕީގެ ތެރޭގައި މައްސަލަ ޖެހެން ފަށާފައިވާކަމަށެވެ. ޖެހެނީ ފައިސާގެ މައްސަލަކަމަށާއި ކުރީސަރުކާރުގެ ވެރިން ކަމުގައިވާ ރައީސް އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ފަދަ ބޭފުޅުންނާއި ފެނަކަ ސަޢީދުމެން ފަދަ ބޭފުޅުން މިދިޔަ ސަރުކާރުގައި ހޯދާފައިވާ ނުހަލާލު ފައިސާތައް ބެހުމުގެ މައްސަލަ ކަމަށެވެ.
މީގެ އިތުރުން ފައިސަލުގެ ވާހަކަ ފުޅުގައި ފަތުރުވެރިކަމަށް ސަރުކާރުން އައްޑޫގެ ފަތުރުވެރިކަމަށް ގެންނަމުންދާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. މިގޮތުން މިހާތަނަށް އެއްދުވަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށާއި މިސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 2 ބިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށެވެ.
އައްޑޫގެ ފަތުރުވެރިކަމާއިބެހޭ ގޮތުން ފައިސަލް ވިދާޅުވީ މި ސަރުކާރުގެ ޕްލޭނަކީ އައްޑޫއަށް ޑައިރެކްޓް ފްލައިޓަށް ގެންގޮސް، ސީޕްލޭން މެދުވެރިކޮށް، ކައިރި ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިންނަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.