ސްރީލަންކާގެ ތަޢުލީމީ ނިޒާމު ޒަމާނީކުރުމަށްޓަކައި އީލޮން މަސްކްގެ އިންޓަނެޓް ޓެކްނޮލޮޖީ ސްޓާލިންކްގެ ޚިދުމަތް ސްރީލަންކާއަށް ތަޢާރަފުކުރަން ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ރައީސް ރަނިލް މިހެން ވިދާޅުވީ ސްރީލަންކާގެ ދެކުނު ސަރަޙައްދުގައި އޮންނަ ތާރީޚީ އަދި މުހިންމު ސިޓީއެއް ކަމަށްވާ ގާލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްރީލަންކާގެ ތަޢުލީމީ ނިޒާމު ޒަމާނީކުރުމަށް އިސްލާހުތަކެއް ގެންނަމުންދާ ކަމަށް ރައީސް ރަނިލް ވިދާޅުވިއެވެ. މީގެ ތެރޭގައި ސްކޫލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކްލަބުތައް ތަޢާރަފުކުރުމާއި އޭއައި އަށް ޚާއްސަ މަރުކަޒުތައް ގާއިމުކުރުން ހިމެނެ އެވެ. އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ ތިން އަހަރުގެ ތެރޭގައި 10،000 އަށްވުރެ ގިނަ ސްކޫލު ޑިޖިޓަލައިޒްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ސްރީލަންކާގެ މުފްތި ތަޢުލީމުގެ ގާނޫނުން ފެށިގެން އައި ތަޢުލީމީ ކުރިއެރުމުގެ ދަތުރުގެ އިތުރު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ޖީލުތައް ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ލީޑަރޝިޕަށް ތައްޔާރުކުރުމަށް މި މަޝްރޫޢު މުހިންމު ކަމަށް ފާހަގަކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ދެކުނު ޕްރޮވިންސްގެ ސްކޫލުތަކަށް 200 ސްމާޓް ކްލާސްރޫމާއި 2000 ޓެބް އިންޑިއާ ސަރުކާރުގެ އެހީގައި ފޯރުކޮށްދީފައި ވެއެވެ.