Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ފަހުމީގެ އަމާޒު: ސްޓެލްކޯ އެފިޝަންޓްކޮށް އާމްދަނީ އިތުރުކުރުން!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ކަމާއި ހުސެއިން ފަހުމީ ހަވާލުވެ ވަޑައިގެންނެވިއިރު ވެސް ކުންފުނީގެ ހާލަތު އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ކޮންމެހެން ކުރަން ނުޖެހޭ ބައެއް ހަރަދުތައް ކުރުމާއި، ގިނަ ކަންކަމުގައި ރޭވުންތެރިކަމެއް، އަދި އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތުމުން ރަނގަޅު ނޫން ކަންކަން ހިނގަމުންދާތަން 1998 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އެކި މަގާމުތައް ފުރުއްވަމުން ގެންދެވި ފަހުމީއަށް އެނގިވަޑައިގަންވައެވެ. އެހެންކަމުން ސްޓެލްކޯ އާއި ފުރަތަމަ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން ވެސް އޭނާގެ އެންމެ މުހިއްމު އެއްއަމާޒަކަށްވީ ޢާމްދަނީ އިތުރުކުރެވޭނެ ގޮއްތައް ހޯދައި، ކުންފުންޏަކީ އެފިޝަންޓް ކުންފުންޏަކަށް ހެދުމެވެ. ފަހުމީ ގެންދަވަނީ ކުންފުނީގައި ލިބެންހުރި ހުރިހާ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގައި ލާމަސީލު ކުންފުންޏަކަށް ސްޓެލްކޯ ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން ކުންފުންޏާއި މުވައްޒަފުންނަށް އެދެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބި ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުންޏަށް އެތައް ގުނައަކުން ފައިދާވެގެންދާނެކަމާއިމެދު ފަހްމީ ޝައްކެއް ނުކުރައްވައެވެ. ސްޓެލްކޯގެ އެކި މަޤާމުތަކުގައި 25 އަހަރު މަސައްކަތް ކުރެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެލެއްވި ފަހުމީގެ އަމާޒަކީ ދައުލަތަށް ބަރޯސާނުވާ އަދި ސަރުކާރުން މިހާރު ކަރަންޓް ދިނުމަށް ކުރަން ޖެހޭ ހޭދަ ވެސް ކުޑަކޮށްދޭނެ ކުންފުންޏަކަށް ސްޓެލްކޯ ހެދުމެވެ.

ޢާމްދަނީ އިތުރުކުރުމަށް ސްޓެލްކޯގެ އަމާޒު އެކި ދިމާތަކަށް

ސްޓެލްކޯއިން ގެންދަނީ އެކުންފުނީގެ ޢާމްދަނީ އިތުރުކުރުމުގެ ގޮތުން އެކުންފުނީގެ ހެޑްއޮފީސް އިމާރާތުގެ ގޯތިތެރޭގައި 7000 އަކަފޫޓުގެ ދެފަންގިފިލާގެ ފިހާރައެއް ހުޅުވުމަށް މަސައްކަތް ފަށާފައެވެ. "ދިޔަރެސް" އަށް މަޢުލޫމާތުދެއްވަމުން ފަހުމީ ވިދާޅުވީ ރައްޔިތުން ކުރާ ވިޔަފާރިތަކަށް ވަނުމުގެ ވިސްނުމެއް ސްޓެލްކޯގައި ނެތްކަމަށާއި މި ފިހާރަ ހާއްސަ ކުރެވިގެންދާނީ އިންޖީނާއި އަދި ސްޓެލްކޯ އިން ކުރާ އެކި ވިޔަފާރިތަކަށް ބޭނުންވާ މުދާ ވިއްކާނެ ފިހާރައަކަށް ކަމަށެވެ.

އެގޮތުން 1 މެގަވޮޓް، 2 މެގަވޮޓް އަދި 1.5 މެގަވޮޓް އިންޖީނާއި ޓްރާންސްފޯމަރ އަދި އާއްމުކޮށް ވިއްކަން ހުންނަ ކޭބަލަށްވުރެ ފަލަ ކޭބަލް އާއި ސޯލާ ޕެނަލް އާއި އެއާއި ގުޅޭ އިތުރު ސާމާނުތަކަށް ޚާއްސަކޮށްގެން ހުޅުވާ މިފިހާރައިގެ ސަބަބުން ކަރަންޓްގެ ޔަގީންކަން ކަށަވަރު ކުރުމުގައި ވެސް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ރާއްޖޭގެ އެއްވެސް ރަށެއްގެ އިންޖީނުގެއަކަށް ނުވަތަ މާލޭ ސަރަހައްދުގެ އިންޖީނަކަށް ގެއްލުމެއްލިބި ޚިދުމަތް މެދުކެނޑޭ ހާލަތެއް ކުރިމަތިވެއްޖެނަމަ، އިންޖީނު ވަގުތުން ފޯރުކޮށްދެވޭނެ ކްޕޭސިޓީ ބިލްޑްކުރުމަކީ ވެސް މިފިހާރަ ހުޅުވުމުގެ އެއް އަމާޒެވެ.

"އަޅުގަނޑުމެންގެ މިވަގުތުގެ ހާލަތަކީ އަޅުގަނޑުމެންގެ އިންޖީނެއް ނެތް. އޭގެ މާނަކީ އާޅުގަނޑުމެންގެ ރަށެއްގަ އެއްވެސް ކާރިސާއެއް ހިނގައިފިއްޔާ، އިންޖީނުގެ އަނދާ ދިޔަޔަސް، އަޅުގަނޑުމެން ގެންގޮސް ބަހައްޓާނެ އިންޖީނެއް މިވަގުތަކު ނެތް. މިތާ އިންޖީނު ވިއްކަން ހުރެއްޖިއްޔާ ވިއްކަންވެސް ވިއްކޭނެ. އަޅުގަނޑުމެންނަށް ނުވަތަ ފެނަކައަށް ކަމެއް ދިމާވާއިރު އަޅުގަނޑުމެންނަށް އިންޖީނު ފޯރުކޮށްދެވޭނެ އެބޭފުލުންނަށް." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކުއްލި ހާލަތެއްގައި ކަމެއް ދިމާވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ގާބިލުކަން ރާއްޖޭގައި ހުންނަންވާނެ ކަމުގައި ދެކިލައްވާކަމަށެވެ. ހާލަތެއް ދިމާވާއިރު ސަލާންޖަހަންނުޖެހޭ ވަރަށް ކެޕޭސިޓީ ބިލްޑް ކުރުމަކީ ސްޓެލްކޯގެ އަމަޒުކަމުގައެވެ.

"ކެޕޭސިޓީ ބިލްޑް ކުރެވޭނެ ވަރުގެ މީހުން އެބަތިބި. ތަނަވަސްކަންވެސް އެބަހުރި ކުންފުނީގައި. މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތަށް ބަރޯސާވުން ދޫކޮށްލުން. ސްޓެލްކޯއަކީ ދައުލަތަށް ބަރޯސާނުވެ ހިންގޭނެ ކުންފުންޏަކަށް ހެދުން. އެކަން ކުރެވޭނެ އަޅުގަނޑުމެންނަށް. އެގާބިލުކަން ކުންފުނީގެ މުވައްޒަފުންގެ ގައިގައި އެބަހުރި." ފަހްމީ ވިދާޅުވިއެވެ.


އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތް އާ ހަރުފަތަކަށް!

ސްޓެލްކޯއިން ދަނީ އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢަކަށް ތައްޔާރުވަމުން ކަމަށާއި ކުރިން ބީލަމުގެ އުސޫލުން ހިންގަން މަސައްކަތްކުރި މަޝްރޫޢު ދެން ހިންގާނީ ސްޓެލްކޯއިން ކަމުގައި ފަހުމީ ވިދާޅުވިއެވެ.

5 ރަށެއްގައި ހިންގުމަށް ކުރިން ބީލަމަށް ހުޅުވާލި ސޯލާ ހަކަތައިގެ މަޝްރޫޢަށް ލިބުނު ބީލަންތަކުގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށާއި ސްޓެލްކޯއިން މިހާރު ވިސްނަނީ މި މަޝްރޫޢު ސްޓެލްކޯއިން އަމިއްލައަށް ހިންގުމަށް ކަމުގައި ފަހުމީ ވިދާޅުވިއެވެ. އަދި އަލުން 5 ރަށެއް ކަނޑައަޅައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެމަޝްރޫޢު ކާމިޔާބުކަމާއެކު ހިންގުމަށްފަހު ރިސޯޓްތަކަށް އެ ޚިދުމަތް ދިނުމަށް ވިސްނާފައިވާކަމަށާއި ސްޓެލްކޯގެ ޢާމްދަނީއަށް މި މަޝްރޫޢުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ސޯލާ ހަކަތައިގެ މަޝްރޫޢު ހިންގުމަށް ރަށްތައް ކަނޑައަޅާނީ އެރަށްތަކުގެ ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ ވަރަކަށް ބަލާފައިކަމަށާއި ކުދި ރަށްތަކަށް އިސްކަންދެއްވާނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް!

ސްޓެލްކޯއިން ޤާއިމުކުރަމުންދާ ފިހާރައިގެ ހުރިހާ މަސައްކަތެއްގައިވެސް ހަރަކާތްތެރިވަމުންދަނީ އެކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ކުންފުނީގެ އެކި ޑިޕާޓްމެންޓަތަކަށް ހުޅުވާލުމުން ވޮލަންޓިއަރ ކުރި މުވައްޒަފުންގެ ޓީމަކުން މިމަސައްކަތް ކުރަމުންދިއުމަކީ ކުންފުނީގެ ޚަރަދު އެތައް މިލިއަނަކުން ކުޑަވެގެންދާނެ ކަމެކެވެ.

ފިހާރައިގެ މަސައްކަތް ބިޑް އުސޫލުން ބަޔަކާއި ހަވާލުކޮށްގެން ކުރާނަމަ، 12 މިލިއަނާއި 15 މިލިއަނާއި ދެމެދުގެ ޚަރަދެއް މަސަކަތަށް ހޭދަވާނެއެވެ. ނަމަވެސް ސްޓެލްކޯގެ މުވައްޒަފުން މިމަސައްކަތް ކުރުމުން ހަމައެކަނި ހިނގާނީ މެޓީރިއަލްއަށްދާ ޚަރަދު އެކަންޏެވެ. އެގޮތުން ޖުމްލަ ޚަރަދު 3 މިލިއަނެއްހާ ރުފިޔާއަށް ކުޑަކުރެވި 9 މިލިއަން ރުފިޔާގެ ޚަރަދު ސަލާމަތްކުރެވިގެންދާނެކަން ފަހުމީ ފާހަގަކުރެއްވިއެވެ.

ފިހާރައިގެ މަސައްކަތްތަކުގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ދަނީ އެކުންފުނީގެ ޢިމާރާތުގައި ޖާގަ އިތުރުކޮށް ކުންފުނީގެ މަސައްކަތްތައް އެފިޝަންޓް ކުރުމަށް ޢިމާރާތުގެ އެތެރޭގެ ޑިޒައިނަށް ބޮޑު ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ކުންފުނިން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް "ކަސްޓަމަރ ކެއާ ސެންޓަރެއް" ސްޓެލްކޯގެ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު އިމާރާތް ކުރަމުންދާ ފިހާރައިގެ މަސައްކަތް ނިމުމާއިއެކު ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެއެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ޖާގައިގެ ދަތިކަމަކާއި ނުލައި މަސައްކަތްކުރެވޭނެގޮތަށް އޮފީހުގެ އެތެރޭގެ ސްޓްރަކްޗަރއަށް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ. މިމަސައްކަތްތަކަކީ ބިޑްއުސޫލުން ބަޔަކާއި ހަވާލުކޮށްގެން ކުރާނަމަ މިލިއަނުން ޚަރަދު ހިނގާނެ މަސައްކަތްތަކެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށާއި މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް މެނޭޖްމަންޓުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ. އަދި މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ލިޔެކިޔުންތަކާއި ޔައުމިއްޔާތަކުގައި ހިމަނައި އަންނަންއޮތް ޖީލުތަކަށް ފެންނަގޮތަށް ބަހައްޓާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯފެނުގެ މަޝްރޫޢަށް ތައްޔާރު، ބޭނުންވަނީ ބިމެއް!

ސްޓޭލްކޯއިން ބޯފެނުގެ މަޝްރޫއެއް ހިންގުމަށް ހުރިހާގޮތަކުން ތައްޔާރުވެފައިވާކަމަށާއި މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ ބިމެއް ނެތުން ކަމުގައި ފަހުމީ ފާހަގަކުރެއްވިއެވެ. މިމަޝްރޫޢަށް ބޭނުންވަނީ 20 ހާސް އަކަފޫޓުގެ ބިމެއް ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުން ކަމަށާއި ބިންހޯދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެކަމުގައި ފަހުމީ ފާހަގަކުރެއްވިއެވެ.

"ދުވާލަކަށް 960 މެޓްރިކް ޓަނުގެ ފެން އުފެއްދޭނެ ކެޕޭސިޓީ ސްޓެލްކޯގައި އެބަހުރި. އެއީ މީގެ ކުރިން 5.4 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ހުރި ފެން އުފެއްދުމުގެ ނިޒާމެއް. އަޅުގަނޑުމެން ފެން އުފައްދަނީ އިންޖީނުތަކުން އުފައްދާ ހޫނު ބޭނުންކޮށްގެން. ފެން އުފައްދާ އެއްސަބަބަކީ އިންޖީނުތަކަށް ފްރެޝް ވޯޓަރ ބޭނުންވާތީ. އިންޖީނުތަކަށް ބޭނުންކޮށްފަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ ކެޕޭސިޓީ ސްޓެލްކޯގައި އެބަހުރި." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ވިސްނުމަކީ 20 ލިޓަރު ހަމުގައި ބަންދުކޮށް ރަައްޔިތުންނަށް ފެން ފޯރުކޮށްދިނުން ކަމަށެވެ.

ފަހުމީ ފާހަގަކުރެއްވީ ރާއްޖޭގައި "ޑްރިންކިން ވޯޓަރ ސެކިއުރިޓީ" ޤާއިމުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ބޯފެން މިހާރު އުފައްދަމުންދާ ކުންފުންޏަށް ހާދިސާއެއް ދިމާވުމުން ރައްޔިތުން ފެނަށްޖެހުމަކީ އެކަށީގެންވާކަމެއް ކަމަށާއި ސްޓެލްކޯއިން ހިންގާ ފެނުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ބޯފެނުގެ ސެކިއުރިޓީއަށް އިތުރު ކަށަވަރުކަން ލިބިގެން ދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ