ޔޫރޯ 2024 ގެ ދެވަނަ ބުރުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ، ޕެނަލްޓީގައި 3-5 އިން ބަލިވެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް މުބާރާތުން ކަޓައިފި އެވެ.
ޕޯޗުގަލް މިފަހަރުގެ މުބާރާތާ ކުރިމަތިލީ ވަރުގަދަ ސްކޮޑަކާ އެކު ޗެމްޕިއަން ކަމަށް އަމާޒުހިފައިގެންނެވެ. އެކަމަކު އެޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް ނުފެނުނުއިރު ކެޕްޓަން ރޮނާލްޑޯ އަށް މުބާރާތުގައި ގޯލެއް ވެސް ނުޖެހުނެވެ.
މޮޅާ އެކު ފްރާންސް ސެމީ ފައިނަލަށް ވަނީ ހޮވިފަ އެވެ. ސެމީގައި ފްރާންސް ވާދަކުރާނީ ޖަރުމަނު އަތުން 1-2 އިން މޮޅުވި ސްޕެއިންއާ އެވެ.
ފްރާންސާއި ޕޯޗުގަލް ޔޫރޯ 2020 ގައި ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އޭގެކުރިން 2016 ގެ ޔޫރޯ ފައިނަލުގައި ޕޯޗުގަލް އިން ފްރާންސް 0-1 އިން ބަލިކުރި އެވެ.
މެޗުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުމިނެޓުގައި ޕޯޗުގަލްގެ ނޫނޯ މެންޑޭސް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު އަތަށެވެ. މުޅި މެޗުގައި ދެޓީމުން ވެސް ގޯލާ އަމާޒުކުރި ހަމަލާތައް ދެޓީމުގެ ގޯލްކީޕަރުން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ފްރާންސުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ޕޯޗުގަލް އަށް ކާމިޔާބުނުކުރެވުނީ ޔާއޯ ފީލިކްސް ޖެހި ޕެނަލްޓީ އެވެ. ފީލިކްސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފްރާންސް މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ޑިފެންޑަރު ތިއޯ ހެނާންޑޭޒް އެވެ.
މިފަހަރުގެ މުބާރާތާ އެކު ރޮނާލްޑޯ ދެން ޔޫރޯގައި ނުފެންނާނެ އެވެ. މުބާރާތުގެ ތެރެއިން 39 އަހަރުގެ ރޮނާލްޑޯ ބުނީ މިއީ އޭނާ ޔޫރޯގައި ވާދަކުރާނެ ފަހު ފަހަރު ކަމަށެވެ. ރޮނާލްޑޯގެ އިތުރުން 41 އަހަރުގެ ޑިފެންޑަރު ޕެޕޭ ވެސް ދެން ޔޫރޯގައި ނުފެންނާނެ އެވެ. އެކަމަކު ގައުމީ ޓީމުން ރިޓަޔާކުރާ ސިގްނަލެއް ރޮނާލްޑޯ އަދި ޕެޕޭ ވެސް ދީފައެއްނުވެ އެވެ.
ޔޫރޯ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅޭނީ މިރެ އެވެ. ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ސްވިޒަލެންޑެވެ. ދަންވަރު 12 ޖަހާއިރު ކުޅޭ މެޗުގައި ނެދަލެންޑްސް ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.