Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ވާދަވެރި މެޗުގެ ކުރިން އެމްބާޕޭގެ އިހުތިރާމް ރޮނާލްޑޯ އަށް

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިރޭ މެންދަމު ފްރާންސާއި ޕޯޗުގަލް ވާދަކުރާއިރު، އެ މެޗުގެ ކުރިން ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތައުރީފްކޮށް ވާހަކަދައްކައިފި އެވެ.

ވާދަވެރި މެޗަށް ނުކުންނައިރު މީޑިއާގައި އޮތީ އެމްބާޕޭ އާއި ރޮނާލްޑޯގެ ވާހަކަ އެވެ. އެމްބާޕޭ އަކީ ކުޑައިރުން ފެށިގެން ރޮނާލްޑޯގެ ސަޕޯޓަރެކެވެ. އަބަދުވެސް ރޮނާލްޑޯ އަށް ތައުރީފްކުރާ އޭނާގެ އައިޑޮލް ގޮތުގައި ދެކޭ ރޮނާލްޑޯއާ ދެކޮޅަށް މެޗެއްގައި ނުކުތުމަކީ ފަހުރެއް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

"އަހަރެންގެ އިހުތިރާމް އަބަދުވެސް ރޮނާލްޑޯއަށް އޮވޭ. އަހަރެމެން ދެމީހުން ވާހަކަދައްކަން. ރޮނާލްޑޯ އަބަދުވެސް އަހަރެންނަށް ނަސޭހަތްދީ ކަންކަން ދާގޮތް ބަރާބަރަށް ބަލާ. ފުޓްބޯޅައަށް ރޮނާލްޑޯ ކޮށްދީފައިވާ ކަންކަމަށް ބަލާއިރު ރޮނާލްޑޯއާ ދެކޮޅަށް ނުކުތުމަކީ އަހަރެންނަށް ފަހުރެއް" ފްރާންސާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ކުރިން އެމްބާޕޭ ބުންޏެވެ.

ފްރާންސް ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި އެމްބާޕޭ ވަނީ އެއް ގޯލު ޖަހައިފަ އެވެ. އެއީ ޕެނަލްޓީއަކުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް ކޮޅަށް ޖެހި ގޯލެވެ. ޔޫރޯގެ ތާރިހުގައި އެންމެ ގިނަ ގޯލު ޖެހި ރޮނާލްޑޯ އަށް މިފަހަރުގެ މުބާރާތުގައި އަދި ގޯލެއް ނުޖެހެ އެވެ.

ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރީ 0-1 އިން ބެލްޖިއަމް ބަލިކޮށްގެންނެވެ. ޕޯޗުގަލް ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދީ ޕެނަލްޓީގައި ސްލޮވީނިއާ 0-3 އިން ބަލިކޮށްގެންނެވެ.

"މެޗުގަ ކޮންމެ ގޮތެއް ވިޔަސް ރޮނާލްޑޯ ވަނީ ފުޓްބޯޅައިގެ ލެޖެންޑަކަށް. އުއްމީދަކީ ޕޯޗުގަލް ބަލިކޮށް ފްރާންސް ސެމީ ފައިނަލް ކުޅުން" ފްރާންސާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ ބުންޏެވެ.

ރޮނާލްޑޯ، 39، މިއީ ޔޫރޯގައި ކުޅޭ ފަހު ފަހަރުކަން އޭނާ ރަސްމީކޮށް ވަނީ ބުނެފަ އެވެ. މިރޭގެ މެޗު ގިނަބަޔަކު ސިފަކުރަނީ ރޮނާލްޑޯގެ ކާމިޔާބު ކެރިއަރު އެމްބާޕޭ އަށް "ހޭންޑްއޯވާ" ކުރާ މެޗެއްގެ ގޮތުގަ އެވެ. ޔޫރޯ އަށް ފަހު އަންނަ ސީޒަނުން ފެށިގެން އެމްބާޕޭ ކުޅޭނީ ރޮނާލްޑޯ އެތައް ރެކޯޑެއް ހެދި ރެއާލް މެޑްރިޑަށެވެ.

އެމްބާޕޭ ބުނީ ރޮނާލްޑޯ އަކީ "ޔުނީކް" ކުޅުންތެރިއަށް ކަމަށާއި ރެއާލްގައި ފަށާ ކެރިއަރުގައި އެމްބާޕޭ ދާނީ އޭނާގެ އަމިއްލަ މަގުންކަމަށެވެ. މެޑްރިޑްގައި ރޮނާލްޑޯގެ ކާމިޔާބީ ތަކުރާރުކުރަން އޭނާ ނުވިސްނާނެ ކަމަށް ބުނެފައިވެ އެވެ.

"ރޮނާލްޑޯ ވާނީ ރޮނާލްޑޯ އަށް. ރެއާލް މެޑްރިޑްގައި އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް. އަހަރެން އުއްމީދުކުރަން ރެއާލްގެ ތާރީހުގައި ލިޔެވޭނެކަމަށް. އެކަމަކު ރޮނާލްޑޯ އެކުރި ކަންކަން ކުރާކަށް ނޫން އަހަރެން މަސައްކަތްކުރާނީ. މެޑްރިޑްގަ ރޮނާލްޑޯ އަކީ ހާއްސަ ކުޅުންތެރިއެއް" ރޮނާލްޑޯ އަށް ތައުރީފް ކުރަމުން އެމްބާޕޭ ބުންޏެވެ.

މެޗަށް ނުކުންނައިރު ސަސްޕެންޝަނުގެ މައްސަލައެއް އަދި އަނިޔާގެ މައްސަލައެއް ޕޯޗުގަލް އަށް ނެތެވެ. އެކަމަކު ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރެބިއޯ ވަނީ ކާޑު ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑްވެފަ އެވެ. ބަދަލުގައި އަރާނީ ވިންގަށް ކުޅޭ އުސްމާން ޑެމްބެލޭ ނޫނީ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އެވެ. ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން ވަނީ ދަރިއަކު ލިބޭތީ ކޭމްޕް ދޫކޮށް އާއިލާގެ ގާތަށް ގޮސްފަ އެވެ.

ޕޯޗުގަލްއާ ދެކޮޅަށް ފްރާންސް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެކަމަކު އެއީ ޔޫރޯ 2016 ގެ ފައިނަލެވެ. ދެޓީމު ވަނީ ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ފްރާންސާއި ޕޯޗުގަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ