ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކޮންމެ މީހަކަށްވެސް ކޯހަށް އެކްސެސްވެވޭ ގޮތަށް ކަމަށާއި ވުމާއެކު މިކޯސް ކޮންމެ މީހަކަށްވެސް ފުރިހަމަކުރެވޭނެ ކަމަށެވެ. މިފަދަ ކޯހެއްގެ ސަބަބުން އޮފީހާއި ގެއާއި ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢަމަލާތުކުރަން ދަސްކުރަން ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އިތުރުން ގަވާއިދުގައި ބުނާ ގޮތުން ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި މުއައްސަސާ އެއްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތްދެވޭ ފެންވަރުގެ މީހުން ތިބެން ޖެހޭ ކަމަށާއި އަދި އެ ޚިދުމަތް ދެވޭ ފެންވަރަށް މީހުން ތަމްރީންކުރަން އެ މިނިސްޓްރީ އިން ޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ސައިކޯ ސޯޝަލް ސަޕޯޓް ނުވަތަ ނަފްސާނީ އެހީތެރިކަންދެވޭ ފެންވަރުގެ މީހުން މަދުކަމަށާއި ވުމާއެކު ކައުންސެލިންއާއި ސައިކޯ-ތެރަޕީ ދޭ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.