ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުންނެވީ މި ޤައުމަށް ޣައްދާރުވެފައިކަމަށާއި އޭނާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ސަލީމް ވިދާޅުވީ ދަރަނީގެ ބިލަށް އަމަލު ކުރާނީ ހަމައެކަނި މި ސަރުކާރުންކަމަށާއި އެހެން ބަޔަކަށް ވެރިކަން ލިބިއްޖެ ނަމަ އެ ނިލު ސްސްޕެންޑުކޮށް ބާލިތުކޮށް ހިތު ހުރި ގޮތަކަށް ޚަރަދު ކުރަން ފަށާނެކަމަށެވެ.
"އެހެން ބަޔަކު އަތުވެއްޖެއްޔާ މި ގާނޫނު ފުނޑާލާނެ ސަސްޕެންޑު ކޮށްލާނެ"އަހްމަދު ސަލީމް| އޭދަފުށީ ދާއިރާ
އެހެން ނޫންނަމަ މިހާރު އިދިކޮޅުގައި ތިބި މީހުންނަށް ވެރިކަން ލިބިއްޖެ ނަމަ އަނެއްކާވެސް ބިލު ސްސްޕެންޑުކޮށް ލޯނު ނަގަން ފަށާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިދިޔަ ފަސް އަހަރު ދިޔައީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބިލުން ހުރިހާ މާއްދާއެއް ސަސްޕެންޑުކޮށްލާފައި ހިތަށް އެރިގޮތަކަށް ފައިސާ ޗާޕުކުރަމުން، ފަސް އަހަރުގެ ނިޔަލަށް" ސަލީމް ވިދާޅުވިއެވެ.
"މި ލެވެލްއަށްދާ ބަޔަކު މި ގައުމުގެ ސަރުކާރާ ހަވާލުވެ ދެން އަތުވެއްޖެއްޔާ މި ބިލުގެ ބޭނުމެއްވެސް ނޯންނާނެ، ދެން ހަދާ ބިލެއްގެ ބޭނުމެއްވެސް ނޯންނާނެ" ސަލީމް ވިދާޅުވިއެވެ.
އަދި މި ދިޔަ ތިން ދައުރުގައި ވެސް މާލިއްޔަތު ކޮމެތީގައި އޭނާ އިންނެވިކަން ފާހަގަކުރައްވާ މެންބަރު ސަލީމް ވިދާޅުވީ މިދިޔަ ދައުރުގައި ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ގައުމުގެ އިގްތިޞާދަށް ގެއްލުން ވާގޮތަށް ލޮނުތައ ނުނެގުމަށް އެދިވަޑައިގެންނެވިކަމަށް ސަލީމް ވިދާޅުވިއެވެ.
"ހަމަ ކޮންމެ ފަހަރަކުވެސް ވިދާޅުވޭ، ނޫނެކޭ ތިމަންނަ ބޭނުން ވަރަކަށް ދަރަނި ނަގާނަމޭ، އެހެންވީމާ މިއީ ގައުމަށް ޣައްދާރުވީ މީހެއް، އެހެންވީމާ ގައުމަށް ޣައްދާރުވީ މީހެއް ގޮތުގައި މީނާ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން" އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އަމީރަށް ފިޔަވަޅު ނާޅައިފިނަމަ ދެން އަންނަ ވަޒީރުންވެސް މިގޮތަށް އަމަލު ކުރުމުގެ ފުރުސަތު އޮތްކަމަށާއި އެހެންވެ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.