ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް މަގާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ވިސްނާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނުމާއި ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ކޯފާވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ.މަރިޔަމް ޒުލްފާ ވިދާޅުވީ ކައުންސިލަރުން މަޤާމުގެ މަސްއޫލިއްޔަތު ނޫފުލާ ކަމުގެ އަޑުތައް ގަދަވެފައިވާ ކަމަށާއި އެހެންކަމުން ކައުންސިލަރުން މަޤާމަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަ ނުކޮށް ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އައްޑޫ މޭޔަރު ނިޒާރު ވަނީ ވަރަށް ބޮޑަށް ކޯފާވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެލްޖީއޭ ފަދަ އިދާރާއަކާއި ހަވާލު ވާން ޖެހޭނީ ވެސް ލާމަރުކަޒީ ނިޒާމުގެ ސިޔާސަތަށް ފަރިތަ، އަދި އަތޮޅު ތެރޭ ރައްޔިތުން ދެވަނަ ދަރަޖަ ނޫންކަމަށް ގަބޫލު ވެވޭ ބޭފުޅެއްކަމަށެވެ.
"ތިޔަ ކޯސް ހަދަން ޖެހޭ ނަމަ މަޖިލިސް މެންބަރުންނާއި ވަޒީރުންވެސް ކޯސް ހަދަން ވާނެ" ނިޒާރު ވިދާޅުވިއެވެ.
ކައުންސިލަރުން ކޯހެއް ހަދަން ޖެހޭ ވިސްނުން ގެންގުޅޭކަމަށް ބުނުމާއި ގުޅިގެން މޭޔަރު ނިޒާރު ކޯފާވެފައިވާއިރު ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމުގެ ދިރާސާތައް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.