ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދް އާޠިފެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ އެއްއަހަރު ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކުރުން ކަމަށެވެ.
އެއްވެސް މީހަކު ބާކީ ނުވާނެހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ވުޒާރާއިން ވަނީ ޚާއްސަ ޑިޕާޓްމަންޓެއް ގާއިމުކޮށް ކަމާގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ވެސް ފަށާފައެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެހެނިހެން މުއައްސަސާތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.