މެނިންގޯކޮކަލް ބައްޔަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ ކަމަށާއި މެނިންގޯކޮކަލް ބައްޔަށް އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވި ކޮންޓެކްޓް ޓްރޭސިން ނިމުނުއިރު މެނިންގޯކޮކަލް ބައްޔަށް އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެ ބަލި އާންމުކޮށް ފެތުރެމުންދާ ކަން ފާހަގަވެފައި ނުވާ ކަމަށާއި އެ ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވެއެވެ.
މެނިންގޯކޮކަލް ބައްޔަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.