ގުރުއާން ހިތުދަސްކުރާ ކުދީންނަށް ދައުލަތުންދޭ އިނާޔަތްތައް އިތުރުކުރައްވާނެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކިރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފްތިތާހުކުރުމަށް ރޭ ކުރިއަށްދިޔަ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ދައުލަތުގެ ފަރާތުން ދޭ އިނާޔަތާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ހަފްލާގައި ބައިވެރިންނާ މުހާތަބުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެއް އަމާޒަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އަހަރަކަށްފަހު އަހަރެއް ހަރުދަނާކުރުންކަމަށެވެ. އަދި، މީގެ އެއް ސަބަބަކީ، މި މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މުބާރާތްކަމުގައި ވުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން، މި ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވިފަހުން ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ކަންކަން ކުރިއަށްދާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އަދި މީގެ އެއް ހިކްމަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގައި އިސްލާމް ދީނަށް ލޯބިކުރާ ބައެއް އުފެއްދުންކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުތަކުން، އިސްލާމީ ކަންތައްތަކަށް މާ ބޮޑު އަހަންމިއްޔަތެއް ދީފައިނެތުމުން ރާއްޖޭގެ އެތައް ދިވެހިންނެއް މީގެ ކުރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް، އެ ކަންބޮޑުވުންތަކަށް ހަމަޖެހުމެއް ލިބިގެންދިޔައީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެ އިސްލާމް ދީނަށް ލޯބިކުރާ ޖީލެއް އުފެއްދުމުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރަން ފެށުމުންނެވެ.
އެގޮތުން، މާލޭގެ އެކި ސަރަހައްދުތަކުން އީދުގައި ތަކްބީރުގެ އަޑުއިވި، ކީރިތި ޤުރުއާނުގެ ކަލިމަތައް ހަރުކުރެވިފައިވާ ނިޝާންތަކުން ފެންނަމުންދެއެވެ. އަދި ކުރިއަރަމުން އަންނަ ޖީލަށް ދީނީ ކަންކަމުން ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އިމާމުވެ ނަމާދުކުރުމުގެ ފުރުސަތުތައް އެހެންނޫނީ ނުހޮޅުވާހާ ފުޅާކޮށް ހުޅުވާލެވުނެވެ. މަޑުވަމުން އައި ބަންގީގެ އަޑުތައް ގަދަވިއެވެ. އަދި ދީނީ ކަންކަމުގައި މިސާލު ދައްކަވާ ވަލީއުލް އަމްރެއް ގައުމުގެ ތާރީހުގައި އަލަށް ފެންނަން ފެށިއެވެ.