ލުބުނާނުގެ ދެކުނުގައި ހިނަގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ގަރާރެއް ނެރުމަށް ބަހްރެއިން އިން އދ.ގެ ސަލާމަތީ މަޖިލީހުގައި އެދިއްޖެއެވެ.
ބަހްރެއިންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ރަސްމީ ނިއުސް އެޖެންސީން ބުނެފައި ވަނީ ލުބްނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކަންކަމާއި އަސްކަރީ ހަލަބޮލިކަން އެ ގައުމުން މޮނިޓާކޮށްފައިވާ ކަމަށެވެ.
އަދި ބަހްރައިން އިން ވަނީ އެ މައްސަލަ ހޫނުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަދި ލުބުނާނުގެ ސަލާމަތާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަސްކަރީ ހަމަނުޖެހުންތަކުން ދުރުހެލިވެ، މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަ ނުދިނުމުގެ މުހިންމުކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަދި "ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލައި، މަދަނީ އާބާދީގެ ފުރާނަ ހިމާޔަތްކޮށް، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމަށް މަޝްވަރާކޮށްގެން ސުލްހަވެރި ހައްލުތަކެއް ހޯދުމަށް" މަނަމާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"އދ.ގެ ސަލާމަތީ މަޖިލީހުން ވަގުތުން ވަގުތަށް ނުފޫޒު ފޯރުވައި، ލުބްނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ހަމަނުޖެހުންތަކަށް ދޭންޖެހޭ ސަމާލުކަން ދިނުމަށާއި، ހަމަނުޖެހުން ތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމުގެ ގަރާރެއް ނެރުމަށް" ބަހްރެއިން އިން ވަނީ ގޮވާލާފައެވެ.
އަދި ހަމަނުޖެހުންތައް ފުޅާވެއްޖެނަމަ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް އެ ގައުމުން ވަނީ ދީފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 37،800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޣައްޒާއަށް ތެލް އަވީވް އިން ދިން ނުރައްކާތެރި ހަމަލާތައް ކުރިއަށް ގެންދިއުމަށް ތެލްއަވީވް އިން ބާރު އަޅަމުން ދަނިކޮށް، އިސްރާއީލާ އެކު ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.