މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އިގުތިސާދު އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި މި ސަރުކާރަށް މި އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖުކުރަން ނޭނގިގެން ކަމަށް ވިދާޅުވެ, އަމީރު މިއަދު ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އެގޮތުން އަމީރަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަލީމް ވިދާޅުވީ މި އުޅެނީ އިގުތިސާދު ގޯސްވެގެން ނޫން, މިއުޅެނީ ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށެވެ.
''މީގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ'' ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ފަސް އަހަރު ވަންދެން ފައިސާ ޗާޕުކުރުމަކީ އިގުތިސާދު މެނޭޖުކުރާ ގޮތްތޯ ވެސް ސަލީމް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މިއަދު އިގުތިސާދުގެ ވާހަކަ ދައްކާއިރު ދެރައީ އަމީރުގެ ލަދު ހަޔާތެއް ވެސް ނެތުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީގެ މިދިޔަ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ.