ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު 65 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ހަވީރު 4:55 ހާއިރު ދަނބިދޫ އިރުމަތީ ފަރާތު ކޯޒްވޭ ކައިރިން މޫދުގައި އަންހެނަކު އޮޔާދާތީ ފެނިގެން ނަގައިގެން އެރަށު ސިއްޚީމަރުކަޒަށް ގެންދެވުނުކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި އެމީހާ ސިއްޚީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވިކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މޫދުން ނިޔާވެފައި އޮއްވާ ފެނުނީ ލ. ދަނބިދޫ ނިޔަނދުރުމާގެ، އާމިނަތު އުމަރުއެވެ.
މި އަންހެންމިހާއަކީ ފަންގި ވިނުމުގެ މަސައްކަތްކުރާ މީހެއްކަމަށާއި މިއަދު މޫދަށް ދިޔައީ މެންފުރުފަހު 3:30 ހާއިރުކަމަށް މަޢުލޫމާތުލިބެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.