ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން މަޖިލިސް މެންބަރުން ނަމޫނާ ދައްކަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަލީމް ގެ މި ޕޯސްޓްގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަހްމަދު އަޒާން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އާސިއާން ގައުމުތަކުން ލިބޭ މެޑިކަލް އިންޝްއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެން އޮންލައިން ނޫހަކުން ޝާއިއު ކޮށްފައިވާ ހަބަރެއްގެ ސްކްރީން ޝޮޓެއް ޝެއާކޮށްފައިވެއެވެ.
އަޒާން އެފަދައިން ވިދާޅުވީ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އަޒާން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން ކަމަށާއި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިސާލު ދެއްކުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށާއި އަދި އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
ހެލްތް އިންޝުއަރަންސް ފޯރުކޮށްދޭންޖެހޭ މަޖިލީހުގެ ކޮންމެ މެންބަރަކަށް ސައުވީސްހާސް ރުފިޔާ ގެ ޕްރިމިއަމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ވެސް ދައްކަމުން ގެންދެ އެވެ. ވުމާއެކު މަޖިލީހުގެ ޖުމްލަ 93 މެންބަރުންނަށް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ. އަދި އޭގެ އިތުރަށް މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ވެސް މިހާރު އާސިއާންގެ ގައުމުތަކުން ހެލްތު އިންޝުއަރެންސް ދައުލަތުގެ ހަރަދުގައި ފޯރުކޮށްދޭން ޖެހެއެވެ.