މެނިންގޯކޮކަލް ބަލި ރާއްޖޭގައި ނުފެތުރޭ ކަމަށާއި އާންމުން ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިފަދައިން ބުނެފައިވަނީ މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އާންމު ކުރި އިއުލާނުގައެވެ. އެ އިއުލާނުގައި ބުނީ ވެކްސިން ޖަހަން ލަފާ ދެނީ އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ މީހުންންގެ އިތުރުން އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށް ކަމަށާއި އެހެނިހެން ސިއްހީ ހާލަތްތައް މެދުވެރިވެފައިވާ މީހުން ބަލި ޖެހުމަށް ކަމަށެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މެނިންގޯކޮކަލް ބައްޔަށް ރާއްޖޭން ޖެހުނުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. އޭގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ.
މިބަލީގެ ވޭދަނަ އެއް ރާއްޖެއިން ފެނުމާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.
މެނިންގޯކޮކަލް ބައްޔަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.
މި ބަލީގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ވަނީ ކުއްލި ގޮތަކަށް ހާލު ދެރަވެ އަންގާރަ ދުވަހު ނިޔާވެފައެވެ.