ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 22.22 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު, ފާއިތުވި އަހަރާ އަޅާ ބަލާއިރު މި އަހަރު 4.4 ބިލިއަން ރުފިޔާއިން ހަރަދުތައް މިވަނީ ކުޑަކުރެވިފައެވެ.
ޖުމްލަ ހަރަދުގެ ތެރެއިން 14.2 ބިލިއަނަކީ ހިންގުމުގެ ހަރަދެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހިންގުމުގެ ހަރަދަކީ 15.2 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ހިންގުމުގެ ހަރަދުވެސް މިވަނީ 1 ބިލިއަން ރުފިޔާއިން މަދުކުރެވިފައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާއިރު ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި އެކު މި އަހަރުގެ ބަޖެޓު ދަރަނި ވަނީ 2.3 ބިލިއަނަށް ކުޑަކުރެވިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓު ދަރަންޏަކީ 5.8 ބިލިއަން ރުފިޔާއެވެ.
ކުރިއަށް އޮތް ދެ އަހަރު ދައުލަތުން ގާތް ގަނޑަކަށް 25 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަންޖެހެއެވެ. ސަރުކާރުން ވަނީ އެ ދަރަނިތައް އަދާކުރުމަށް, އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިހާރުއްސުރެ މަސައްކަތްތަކެއް ފަށާފައެވެ.