Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަ ކުރެވިއްޖެ

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

މެނިންގޯކޮކަލް ބަލި ރާއްޖެ އިން ޖެހުނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އޭނާ ވަނީ ކުއްލި ގޮތަކަށް ހާލު ދެރަވެ އަންގާރަ ދުވަހު ނިޔާވެފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ރޭ ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭއިން ވަރަށް އަވަހަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކޮންޓެކްޓް ޓްރޭސިން ހަދާ، އެ ކޭސްއާއި ގުޅުންހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުސަތު ނައްތާލާފައިވާ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.
"މި ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައިވަނީ. އިތުރު ނުވާނެކަމަށް ލަފާކުރެވެނީ." އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫންކަމަށެވެ. ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން އިރުޝާދުދޭ މީހުންނަށްކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ މިބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދުކަމަށެވެ. އެގޮތުން ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަނީ ބަލި ޖެހޭ 100 މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 މީހުންގެ ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. މި ބައްޔަކީ އާއްމު ރޯގާތަކަށްވުރެ، އަވަހަށް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަ ބައްޔެއްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި ހުންނާނެކަމަށް ބެލެވެނީ 7 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތަށްކަމަށެވެ. ނަމަވެސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާކަމަށެވެ.
"ވައިރަހަކަށްވުރެ ބެކްޓީރިއާ ޖަރާސީމު ފެތުރިގެންދާ ފުރުޞަތު ވަރަށް ކުޑަ. ވަރަށް ކައިރި ކޮންޓެކްޓުންނަށް ޖެހުމުގެ ފުރުޞަތު އޮންނަނީ. އަދި ވައިގެ ތެރޭގައި މިބެކްޓީރިއާ ހުންނަ ވަގުތުވެސް ވަރަށް ކުޑަ." އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.
ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައި ވާއިރު ޙައްޖުން އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި މިހާރު ވަނީ ޚާއްސަކޮށް ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ.
މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭގުން އަދި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ޖެހުންފަދަ އަލާމާތްތައް ހިމެނެއެވެ. އެހެންކަމުން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ