ރާއްޖޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ހުންނެވި އަހްމަދު ސައީދު (ފެނަކަ ސައީދު) އަކީ ރާއްޖޭގެ ތާރީހުގައި ފެނަކައިން އެންމެ ބޮޑެތި ޖަރީމާތައް ހިންގި މީހާކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިފަދައިން ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ފެނަކައިން ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ޖަރީމާތަކާއި ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސަލީމް ވިދާޅުވީ މިއަދު ހުށަހެޅިފައިމާ މި މައްސަލައަކީ މާ ކުރިން ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށާއި މި މައްސަލަ މިހާރުވެސް އޮތީ މާ ބޮޑަށް ލަސްވެފައިކަމަށެވެ.
"ފެނަކަ ސައީދަކީ ރާއްޖޭގެ ތާރީހުގައި ފެނަކައިން އެންމެ ބޮޑެތި ޖަރީމާތައް ހިންގި މީހާ"އަހްމަދު ސަލީމް| އޭދަފުށީ ދާއިރާ
"އެކަމަކު މިއަދު އެ ހުރީ ހެވިލާފައި ސަލާމަތުން ބޭނުންހާ ތާކަށް ގޮސް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ދީފައި، މި ފުރުސަތު ދިނުމަކީ މި ގައުމުގެ މުސްތަގުބަލުގައި އެމީހަކު ބޭނުން ކަމެއް ކުރަން ފުރުސަތު އޮންނާނެ" ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުށްކޮށްފައި ތިބޭ މީހުންނާއި ވައްކަން ކޮށްފައި ތިބޭ މީހުންގެ މައްސަލަތައް ބަލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ގައުމުގެ މުސްތަގުބަލު އެއްކޮށް ފެއިލް ވެގެންދާނެކަމަށެވެ.
ސަލީމް އިތުރަށް ވިދާޅުވީ ކަންކަން ރަނގަޅަށް ގެންދިޔަ ނަމަ ފެނަކައަށް އެހާ ބޮޑު ދަރަންޏެއް ނޭރީސްކަމަށާއި އެ ދަރަނި އަރާފައިވަނީ ބޮޑެތި ވައްކަންތައް ކުރުމުގެ ސަބަބުންކަމަށެވެ.
"މިސާލަކަށް އެސްލޯނު ހޮޅިއެއް 500 ރުފިޔާއަށް ލިބެން ހުރި ހޮޅި ފަސް ހާސް ރުފިޔާއަށް، އެއް ސުން އިތުރުކޮށްލާފައި އެބަ ހުރި ގަނެލާފައި، މިހުރީ ކޮށްލާފައި ހުރި ބޮޑެތި ވައްކަން" ސަލީމް ވިދާލުވިއެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން އިންޖީނުގެ ފަދަ އިމާރާތްތައް ހަދާއިރު، އިމާރާތް ކުރެހުމުގެވެސް ކުރިން އެތަންތަނަށް މުވައްޒަފުން ވައްދާކަން ފާހަގަކުރައްވާ ސަލީން ވިދާޅުވީ މިލެވެލްއަށް ކަންތައް ގެންދިޔައީމާ މި މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ.