ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކުއްލިއަކަށް މަހުގެ އަގު ބޮޑުކުރެއްވީ ދެވަނަ ބުރުގައި އިތުރު ވޯޓް ހޯދަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެއްބަސްވެވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް މިކަމަށް އެއްބަސްވެވަޑައިގަތީ ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅެއްގައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާކަމަށް ދައްކާ ވާހަކައާއި ގުޅިގެން ރައީސް އިބްރާހިމް ވިދާޅުވީ އެއީ އޮޅުވާލުމެއްކަމަށެވެ.
"މިއީ ވަރަށް ގިނަ އޮޅުވާލުންތަކެއް އޮތް ވާހަކައެއް، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަން ވާނެ މިއީ ދިރި ދެމި އޮތް ގައުމެއްކަން، ވެރިކަން ބަދަލުވާނެކަން ކޮންމެ ފަސް އަހަރަކުން" ރައީސް އިބްރާހިމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވާނެކަމަށާއި އެހެން ނަމަވެސް ގައުމުގައި ހިނގަމުންދާ ކަންތައްތައް ހިނގަމުން ދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައި އިރުވެސް އޭރު ނިމުނު ސަރުކާރުން ރިޔާސީ އިންތިޚާބާއި ގުޅިގެން މަހުގެ އަގު ބޮޑުކޮށް އެ ފައިސާ ނުދައްކާ ހުރިކަމަށެވެ. އެހެން ވިދާޅުވެ ރައީސް އިބްރާހިމް ވަނީ މަހުގެ އަގާއި ރިޔާސީ އިންތިޙާބާއި ގުޅުން އޮތްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމުގައިވެސް ރިޔާސީ އިންތިހާބާއި ގުޅިގެން މަހުގެ އަގު ބޮޑުކުރެއްވިކަމަށް އެއްބަސްވެވަޑައިގެންފައެވެ.
"މިހާރު [ވެސް] އެންމެ ބޮޑު މައްސަލައަކަށްވެފައި އޮތް އެއް މައްސަލައަކީ މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ، އަޅުގަނޑުމެންނަށް ފުރަތަމަ ވެރިކަމަށް އައިސް ޖެހުނު ތިން ހަތަރު މަހު މަސްވެރިންނަށް ފައިސާ ނުދީ ތިބެން، އޭރުވެސް ވެރިކަމުގެ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް މަހުގެ އަގު ބޮޑުކުރެއްވީ، ދެން މަހުގެ އަގާއި އިންތިހާބާއި ކޮންމެސް ގުޅުމެއް އޮންނަނީ ކަންނޭނގެ" ރައީސް އިބްރާހިމް ވިދާޅުވިއެވެ.
"ދެން މަހުގެ އަގާއި އިންތިހާބާއި ކޮންމެސް ގުޅުމެއް އޮންނަނީ ކަންނޭނގެ"ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ތިން މަހު މަސްވެރިންނަށް ފައިސާ ނުދެވުނުކަމަށެވެ.
އަދި ސަރުކާރެއް ހިނގަމުން ދާއިރު މިފަދަ ކަންކަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިބްރާހިމްގެ ސަރުކާރު ފެށުނުއިރު މަސްކިލޯއެއްގެ އަގު ހުރީ 16 ރ. އަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް އަހަރަށްވެފައި އޮއްވާ މަސްކިލޯއެއްގެ އަގު 17 ރ. އަށް ބޮޑުކުރިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ދެ ހަފުތާއަށްވެފައި އޮއްވާ މަސްކިލޯއެއްގެ 25 ރ. އަށް ބޮޑުކުރިއިރު ވެރިކަން ނިމުނީ އޭގެފަހުން އެންމެ ފައިސާ ފޮއްޗެއް ވެސް މަސްވެރިންނަށް ނުދީއެވެ.