ތަޖިކިސްތާނުގައި ބުރުގާ އެޅުން މަނާކުރާ ބިލެއް އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަޖިކިސްތާނުގައި ބުރުގާ މަނާ ކުރަން ނިންމީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީ ޗެމްބަރުން މި ޖޫން މަހުގެ 19 ވަނަ ދުވަހު ބިލެއް ފާސްކުރުމާ ގުޅިގެންނެވެ.
އޭޝިއާ ޕްލަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ މަތިގެ، މަޖްލިސް މިލީގެ 18 ވަނަ ދައުރުގައި އެ މަޖިލީހުގެ އިސްވެރިޔާ ރުސްތަމް އެމޯމަލީ ރިޔާސަތު ބަލަހައްޓަވަމުންނެވެ. އޭނާ އަކީ އިސްލާމް ދީނާއި ދެކޮޅު ވާހަކަދައްކާ މީހެއްގެ ގޮތުގައި ފާހަގަވެފައިވާ މީހެއް ކަމަށް އޭޝިއާ ޕުލަސް އިން ވަނީ ބުނެފައެވެ.
މިބިލުގައި ވަނީ އިސްލާމީ އެންމެ މުހިންމު ދެ ޗުއްޓީ ކަމަށްވާ ފިތުރު އީދާއި އަޟްހާ އީދު ދުވަހުގައި އެ ގައުމުގެ ލާދީނީ ސިޔާސީވެރިންގެ ބަހުން ބުރުގާ އަށް ކިޔާ އެލިއަން ގާމެންޓްސް އާއި ކުޑަކުދިންގެ ހަރަކާތްތައް މަނާކޮށްފައެވެ.
ތަޖަކިސްތާނުގެ މުސްލިމުންގެ ސަގާފީ ފެސްޓިވަލްތަކަށް އިދްގަރްދަކް ގެ ނަމުން ނަން ދެވިފައިވާ އިރު، ތަޖަކިސްތާނުގެ ސަގާފަތުގައިވާ ގޮތުން އެ ދުވަސްވަރު ކުޑަކުދިން މަގުމަތީގައި ހުންނަ އަވެއްޓެރި ގެތަކަށް ޒިޔާރަތްކޮށް ސަލާމްކޮށް އުޅެއެވެ.
ތަޖިކިސްތާނުގައި މި ޤާނޫނާއި ހިލާފުވާ ފަރާތްތައް ވަރަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެެވެ. އެ ގައުމުގެ ފުލުހުން ވަނީ މި ޤާނޫނު ތަންފީޒުކުރަން ތައްޔާރުވެފައެވެ.