މަސްވެރިންނަށް ދޭންޖެހޭ ފައިސާއާއި ސަބްސިޑީތަކާއެކު 933 މިލިއަން ރުފިޔާ ދީ ޚަލާސްކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ދަރަނީގެ އަދަދު ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށާއި އުފެއްދުންތެރިކަމުގެ ނިސްބަތަކީ 113 އިންސައްތަ ކަމަށެވެ. ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގައި އެ 113 އިންސައްތަ, 110 އިންސައްތައަށް ބަދަލުކޮށްފައިވާ ކަމަށާއި މިކަމުން ދޭހަވަނީ ރައީސް ޑރ.މުޙައްމަދު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުންރަނަށް ފުއްދަވާނެކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރު ފެށުނުއިރު މަސްކިލޯއެއްގެ އަގު ހުރީ 16 ރ. އަށް ކަމަށާއި ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް އަހަރަށްވެފައި އޮއްވާ މަސްކިލޯއެއްގެ އަގު 17 ރ. އަށް ބޮޑުކުރި ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ކޮވިޑުތެރޭގައި ޚަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތައް އެއްއަހަރަށް ސަސްޕެންޑްކުރީ ފައިސާ ޗާޕުކުރަން ކަމަށާއި ފައިސާ ޗާޕުކޮށްގެން ކޮވިޑުގެ ހިޔަލުގައި ވެރިކަން ނިމުނުއިރު ވެސް ތިބީ ފައިސާ ޗާޕްކޮށްކޮށް ކަމަށާއި ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ދެ ހަފުތާއަށްވެފައި އޮއްވާ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މަސްކިލޯއެއްގެ 25 ރ. އަށް ބޮޑުކުރި ކަމަށާއި ވެރިކަން ނިމުނީ އޭގެފަހުން އެންމެ ފައިސާ ފޮއްޗެއް ވެސް މަސްވެރިންނަށް ނުދީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''މަސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް އަހަރާ އަދި މިއަހަރުގެ ފުރަތަމަ ކުއާޓާ ނިންމުމާ ހިސާބަށް މިފްކޯއަށް ވީ ގެއްލުން 1.6 ބިލިއަން ރުފިޔާ.''
ނަމަވެސް ރައީސް އެންމެ އިސްކަމެއް ދެއްވީ މި ސަރުކާރު އައިއިރު މަސްވެރިންނަށް ނުދެއްކި ހުރި ފައިސާއާއި މި ސަރުކާރު އައި ފަހުން ދައްކަން ހުރިފައިސާ އެއްކޮށް ޚަލާސްކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''މި ދެންނެވި ނުދެއްކި އޮތް ބެކްލޮގާއެކީގަ 270 މިލިއަން ރުފިޔާ މިއަދާ ހިސާބަށް ސަބްސިޑީގެ ގޮތުގަ ދީފިން.'' 17 ނޮވެމްބަރު 2023 އިން މިއަދާ ހިސާބަށް މަސްވެރިން ބޭނި މަހާއި ސަބްސިޑީތަކާއެކު 933 މިލިއަން މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ މި ތިބީ ޖޯކަކަށް ނޫން ކަމަށާއި ބަތްކައްކާ ކުޅޭކަށް ނޫން ކަމަށެވެ. އަދި ''އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތްކުރަން'' ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.