Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ފައިސާ ޗާޕުކުރުން ހުއްޓާލައި, މިދިޔަ 7 މަސްތެރޭ 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފިން: ރައީސް

ފައިސާ ޗާޕުކުރުން ހުއްޓާލައި އާމްދަނީން ލިބުނު ފައިސާއިން މިދިޔަ 7 މަސްތެރޭގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައި ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް, ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދިއުމަށް ދިވެހި ރައްޔިތުން ވިސްނަނީ ވަރަށް ވިސްނުންތެރިކަމާއެކަން މިވަނީ ހާމަވެފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ގޮސް ހަމަ މަގުން ނެއްޓި މިނިވަންކަން ބީވެ އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުމުން ރައްޔިތުން ބޭނުންވީ ''ދިވެހީން ރާއްޖެއަށް'' ދިއުމަށް ކަމަށެވެ.

''ދިވެހީންގެ ރާއްޖޭގެ މަގު ރައްޔިތުން އިޚުތިޔާރުުކުރެއްވީ. އެ މަގުގަ ދިވެހީންގެ ރާއްޖޭގެ މަަސައްކަތް ދިވެހި ރައްޔިތުން ނިންމެވި ގޮތަށް އަޅުގަނޑުމެން ފެށީ. އަދި އެ މަސައްކަތް ކުރަމުން ދިޔައިރުގަ އެތައް ގޮންޖެހުންތަކެއް ޚާއްސަގޮތެއްގަ އޭރުގަ އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިމަތިކުރުވީ. އެއީ އަޅުގަނޑުމެންގެ މާދުރު ނޫން މާޒީއެއްގަ ފެންނާން އޮތް ހަގީގަތް.''

ނަމަވެސް ކޯލިޝަނުގެ ލީޑާޝިޕާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އަދި އޭރު އެކަން ހިނގި ގޮތް ކަމު ނުގޮސްގެން އޭރުގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންނަށް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 20 ވަނަ މަޖިލިސް އިންތިޚާބާ ހަމައަށް އާދެވުނީ މި ހުރިހާ ބޭފުޅުންގެ މަސައްކަތާއެކު ކަމަށެވެ.
''ދިވެހީންގެ ރާއްޖޭގެ އެ މާތް މަންޒިލް އެ މަގުސަދަށް ދިއުމަށްޓަކައި ފެށި ދަތުރުގަ ރައްޔިތުންގެ މަޖިލިސް އެއީ އެ މަސައްކަތަށް ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ތަނެއް
އެ އަދާކޮށްދެވިދާނެ ތަނެއްކަން ރައްޔިތުން ގަބޫލުކުރައްވައި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުން ހޮއްވަވައިދެއްވިކަމަށްޓަކައި މިއަދު ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.''
ރައީސް ވިދާޅުވީ މިހާރު މިވަނީ މަސައްކަތް ފެށިފައި ކަމަށާއި ކުރިން ވިދާޅުވި ފަދައިން ދެން އޮތީ ބާރުމިނުގައި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ވެރިކަން ފެށުނު ފަހުން މި އަދަށް ހަތް މަހާއި ފަސް ދުވަސްވީއިރު, މި ހަތް މަހާއި ފަސް ދުވަސްތެރޭގައި ކަންކަން ކުރިއަށްދިޔައީ އިގުތިސާދީ އެޖެންޑާގަ އޮތް ގޮތަށް ކަމަށާއި ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިގުތިސާދީ ގޮތުން އެންމެ މުހިންމު ވައުދަކަށް ވެވަޑައިގެންނެވި އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށް ނަމަވެސް މިއަދާ ހަމައަށް އައީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށާއި 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައި ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ސަރުކާރުގެ އެކިއެކި އެސްއޯއީތަކަށް މީގެއިތުރަށް 7 ބިލިއަން ރުފިޔާ ދައްކައި ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''ފައިސާ ޗާޕުނުކޮށް އާމްދަނީގެގޮތުގައި ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ކަންތައްތައް ކުރަމުން ފައިސާ ދައްކަމުން, ބޭރުގެ ދަރަނީގަ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑިފޯލްޓްނުވެ ވަގުތުން ދައްކަމުން މިއައީ.''
އެގޮތުން ވޭތުވެދިޔަ މުއްދަތުގައި ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކައި ޚަލާސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވާދަވެެރިން ފޮރުވަން ބޭނުންވާ ވާހަކައަކީ މިއީ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ