އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބައެއް ދޯނި ފަހަރުތަކުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގެ ތެރެއިން އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީފައިވާކަމަށެވެ.
އެގޮތުން އިހްތިޖާޖުގެ ބައިވެރިން މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ އެކަން ޙައްލު ކުރުމަށް ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މިފްކޯއިން މަސައްކަތްކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަކަމަށާއި ނަމަވެސް އެ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުތައް ފަދަ، ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް އިހްތިޖާޖުގެ ބައިވެރިން ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ހުރަސް އެޅިފައިވާކަމަށް މިފްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެންކަމަށް ބުނެ ބަޔަކު އިހްތިޖާޖުކުރަމުންދާއިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާކަން ފާހަގަކޮށް މިފްކޯއިން ބުނީ މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާކަމަށާއި އެއީ 52.6 މިލިއަން ރުފިޔާކަމަށެވެ.
މިފްކޯއިން އިތުރަށް ބުނީ އެކުންފުންޏަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައިކަމަށާއި، ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންކަމަށެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއި އެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެކުންފުނިން ހިތާމަކުރާ ކަމެއްކަމަށްވެސް މިފްކޯއިން ބުނެއެވެ.
އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.