އަންނަ މަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގެ ސްވިމިން އިވެންޓުގައި ރާއްޖޭން ވާދަކުރާނީ މުހައްމަދު އާން ހުސައިން އާއި އާއިޝަތު އުލްޔާ ޝާއިގް ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅައިފި އެވެ.
ސްވިމިންގައި އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ދެ ފުރުސަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެ ފުރުސެތެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިން ޕޮއިންޓް ލިބިގެންނެވެ.
އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންނެވެ.
ސްވިމިންގެ އިތުރުން އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާނީ ބެޑްމިންޓަން، އެތުލެޓިކްސް އަދި ޓޭބަލް ޓެނިސްގަ އެވެ.
ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އެވެ. އެތުލެޓިކްސް އިން އޮލިމްޕިކްސްގައި ވާދަކުރަން ފުރުސަތު ލިބުނީ އިބާދުﷲ އާދަމް އަށެވެ.
ޓޭބަލް ޓެނިސް އިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނީ ފާތިމަތު ދީމާ އަލީ އެވެ. ދީމާ އޮލިމްޕިކްސް ފުރުސަތު ހޯދީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރު ކާމިޔާބުކޮށްގެންނެވެ. ދީމާ ވެފައިވަނީ ކޮލިފައިން ބުރެއް ކާމިޔާބުކޮށް އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
ފްރާންސްގައި އޮލިމްޕިކްސް ގޭމްސް ފަށާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. އޮލިމްޕިކްސް ގޭމްސް ނިމޭނީ އޮގަސްޓް 11 ގަ އެވެ.