ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުން މޮޅުވެ ޕޯޗުގަލް ގަދަ 16 އަށް ދަތުރުކުރި މެޗަށް ފަހު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޯޗު ރޮބާޓޯ މާޓިނޭޒް ތައުރީފްކޮށްފި އެވެ.
ރޭ ޕޯޗުގަލް ވަނީ ތުރުކީ 0-3 އިން ބަލިކޮށް އަނެއް ބުރު ޔަގީންކޮށްފަ އެވެ. ފަހު މެޗުގައި ޖޯޖިއާ ބަލިކޮށްގެން ޕޯޗުގަލް އަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވާނެ އެވެ.
މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްގެ ލީޑު ފުޅާވީ ތުރުކީގެ ޑިފެންޑަރެއް ހެދުނު ބޮޑު ގޯހެއްގައި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.
ޕޯޗުގަލްގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ރޮނާލްޑޯ އަށް ހުހަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ އެ ބޯޅަ ޖައްސާލީ ފެނާންޑޭސް އަށެވެ.
މެޗަށް ފަހު ކޯޗު މާޓިނޭޒް ބުނީ ގޯލު ޖެހުމުގެ ފުރުސަތު އޮއްވައި ރޮނާލްޑޯ ފެނާންޑޭސް އަށް އެ ބޯޅަ ދިނުމަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.
"ގޯލު ޖަހަން ފުރުސަތު ލިބިފަ އޮއްވަ ރޮނާލްޑޯ ބެލީ އެސިސްޓަކަށް. އެންމެ މުހިއްމީ ޓީމުކަން ރޮނާލްޑޯ ދައްކުވައިދީފި. އެ ގޯލަށް ވުރެ އެސިސްޓްގެ މުހިއްމުކަން ބޮޑޭވެސް ބުނެވިދާނެ" މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ބުންޏެވެ.
މާޓިނޭޒް ބުނީ ޕޯޗުގަލްގެ އެކެޑަމީތަކުގައި ވެސް ރޮނާލްޑޯގެ އެ ނަމޫނާ ބޭނުންކުރަން ޖެހޭނެ ކަމަށެވެ. އެއީ ފުޓްބޯޅައިގައި އަރަމުން އަންނަ ކުޅުންތެރިންނަށް މުހިއްމު ކަމެއްކަމަށް މާޓިނޭޒް ބުންޏެވެ.
ރޭގެ އެސިސްޓާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ އެސިސްޓް ހެދި ދެކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ވަނީ ހިމެނިފަ އެވެ. ރޮނާލްޑޯގެ އިތުރުން ޔޫރޯގެ ތާރީހުގައި މިހާތަނަށް 8 އެސިސްޓް ހަދާފައިވަނީ ޗެކް ރިބަޕްލިކްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ކަރެލް ޕޮބޯސްކީ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެކް ރިޕަބްލިކާއި ޖޯޖިއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭ ދަންވަރު ކުޅުނު މެޗުގައި ބެލްޖިއަމް ވަނީ 0-2 އިން ރުމޭނިއާ ބަލިކޮށްފަ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗުތަކެވެ. މިރޭ ދަންވަރު 12 ޖަހާއިރު އެ ގްރޫޕުގެ ދެ މެޗު ފަށާނެ އެވެ. އެއް މެޗުގައި ޖަރުމަނާއި ސްވިލަޒެންޑް ވާދަކުރާއިރު އަނެއް މެޗުގައި ހަންގޭރީ އާއި ސްކޮޓްލެންޑް ކުޅޭނެ އެވެ.