މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.
އެކްސްގައި ދެއްވި މެސެޖެއްގައި ގުޓަރޭޒް ވިދާޅުވީ، "ދުވަހަކުވެސް އެއްތަނަކަށް އައިސް މޫސުމަށް ކުރިއެރުން ދޭން ވީ ވަގުތެއް އޮތްނަމަ، އެއީ މިހާރު" ކަމަށެވެ.
"ކުރިއަށް އޮތް 18 މަހަކީ ދުނިޔޭގެ ފިނިހޫނުމިން 1.5 ސެލްސިއަސް އަށް ލިމިޓްކޮށް، މޫސުމަށް އަންނަ އެންމެ ނުރައްކާތެރި ހަލަބޮލިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ދުވަސްތަކެއް،" ގުޓަރޭޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ގޮވާލެއްވީ އެންމެން ގުޅިގެން ދުޅަހެޔޮ ޕްލެނެޓަކާއި، އެންމެންނަށް ރައްކާތެރި މުސްތަގުބަލެއް އުފައްދައިދިނުމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އދ އިން އިސްކަންދީ، ޕެރިސް އެގްރީމެންޓްގެ ދަށުން އިތުރު އުންމީދީ ލަނޑުދަނޑިތަކަށް ގައުމުތަކުން ވައުދުވުމަށްވެސް އޭނާވަނީ ގޮވާލައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. އިން ގޮވާލައިފައި މިވަނީ ދުނިޔެ ހޫނުވުން ނުހުއްޓުވިއްޖެ ނަމަ އެކަމުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.