''މިހާރު'' ނޫހުގެ އެޑިޓަރު އިސްމާޢީލް ނަޞީރަށް މޭޖާ ސްޓްރޯކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.
ނަޞީރަށް ސްޓްރޯކެއް ޖެހުނީ އުފަން ރަށްކަމަށްވާ ބ.އޭދަފުށީގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އޭދަފުށީގައި އޭނާއަށް ފަރުވާދިނުމަށްފަހު މިހާރު އޭނާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
އިތުރު ފަރުވާދިނުމަށް ނަޞީރު މާލެ ގެނެވުނީ ރޭ ދަންވަރު 01:00 ހާއިރު އެއާ އެމްބިއުލާންސްގައެވެ.
ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އުމުރުން 47 އަހަރުގެ ނަޞީރު ނޫސްވެރިކަން ފެށްޓެވީ ''އާފަތިސް'' ނޫހުންނެވެ. ''މިހާރު'' ނޫހުގައި މަސައްކަތް ކުރައްވަން ފެށްޓެވުމާ ހަމައަށް ދެން މަސައްކަތް ކުރެއްވީ ''ހަވީރު'' ނޫހުގައެވެ.
ނަޞީރު ވަނީ ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި މީޑިއާ ކައުންސިލުގެ އަލިމަސް ޖުބުލީ އެވޯޑު ވެސް ހާސިލުކުރައްވައިފައެވެ.