މިއަހަރު ތެރޭގައި ފަތުރުވެރިކަމަށް އިތުރު 2,600 އެނދު ނެރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ, ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެެއްގައެވެ.
ވަޒީރު ވިދާޅުވީ މިއަހަރު ތެރޭގައި އަލަށް 15 ނޫނީ 12 ރިސޯޓު ހުޅުވިގެންދާނެ ކަމަށާއި އެއާއެކު ފަތުރުވެރިކަމަށް އިތުރު 2,600 އެނދު ނެރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމުގައެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ 63 ރިސޯޓެއް އެވޯޑުކުރެވި މިހާތަނަށް ފަތުރުވެރިކަމަށް ނުނެރެވިފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި 30 އަހަރުވެފައިވާ ރަށްތައް އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
ވީހާވެސް އަވަހަށް އެ ރަށްތައް ފަތުރުވެރިކަމަށް ނެރުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅައިގެން ދެ ގޮތެއް ފާސްކޮށްފައިވާ ކަމަށާއި އިން އެއްގޮތަކީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތަކުގެ މިލްކުވެރިކަން ދޫކޮށްލުމުން އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައިވާ ރަށްތަކާމެދު އަމަލުކުރާނެ ގޮތް ކައުންސިލުން ފާސްކޮށްފައިވާ ކަމަށާއި އެގޮތުން އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމުގައި ހަމަޖައްސައި ދިނުމުގައި އެހީތެރިވުމާއި އެހެން ފަރާތަކަށް އެ އިންވެސްޓްމަންޓް ވިއްކުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ގާނޫނަށް އިސްލާހު ގެނެސްގެން މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ވެރިކަމުގެ މި ދައުރުގައި އޭގެތެރެއިން ގިނަ ރަށްތައް ފަތުރުވެރިކަމަށް ހުޅުވިގެންދާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.